ހައުސިން މިނިސްޓްރީއިން އެއްވެސް ލިޔެކިޔުމެއް މަދުވެފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ހައުސިން މިނިސްޓްރީގެ ރަސްމީ ލިޔެކިޔުންތަކެއް އަޅާފައިހުރި ލޮކަރުތަކެއް އޮންނަ އުސޫލުން ބޭރުން ހުޅުވާފައިވާ ކަމަށް އެ މިނިސްޓްރީމް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އެ މިނިސްޓްރީގެ ފަރާތުން މި މައްސަލައާ ގުޅޭ ރިޕޯޓް ހުކުރު ދުވަހުގެ ރޭ 19:18 ހާއިރު ފުލުހުންނަށް ލިބުމާ ގުޅިގެން، ފުލުހުން އެ މިނިސްޓްރީއަށް ގޮސް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި ފުލުހުންގެ ހާޒިރުގައި އެ މިނިސްޓްރީގެ މުވައްޒަފުން އެ ލިޔެކިޔުންތައް ބަލައި ޗެކްކުރިއިރު، އެއްވެސް ލިޔުމެއް ނުވަތަ އެހެން އެއްޗެއްވެސް މަދުވެފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިކަން ހާމަކޮށްފައި މިވަނީ، ހައުސިން މިނިސްޓްރީގެ ލިޔެކިޔުންތަކެއް އަޅާފައިހުރި ލޮކަރުތަކެއް ހުޅުވާފައި ހުރި ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.



