ސިނަމާލެ ބްރިޖް މަތިން ހިނގާފައި އެއާޕޯޓަށާއި، ހުޅުމާލެއަށް ދާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން އަނެއްކާވެސް ހަނދާންކޮށްދީފިއެވެ.
ފުލުހުން ބުނިގޮތުގައި، 30 އޯގަސްޓް 2018 ގައި ސިނަމާލެ ބްރިޖު ހުޅުވުނު ދުވަހުން ފެށިގެން، ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއަރޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކުރެވިފައިވާ ކަމެކެވެ.
ނަމަވެސް، ސިނަމާލެ ބްރިޖުގެ އެއަރޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް ފަރާތްތަކުން އަދިވެސް ދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިއީ ހުއްދަކުރެވިފައިވާ ކަމަކަށް ނުވާއިރު، މިގޮތަށް އަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ސަރަހައްދުގައި ”ހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން“ ހަރުކުރެވިފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ވީމާ، މި ބޯޑުތަކާއި ނިޝާންތައް ހުރަސްކޮށްދާ ފަރާތްތަކާމެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނެ ވާހަކަ ފުލުހުން ބުންޏެވެ.



