ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަތޮޅުތަކުގައި ގާއިމުކުރަމުންދާ އައުޓްޑޯ ޖިމްތަކުގެ ތެރެއިން 7 ރަށެއްގެ ޖިމް ނިންމާލައިފިއެވެ.
ނެޝަނަލް ފިޓްނަސް ޕްލޭނާއި އެއްގޮތަށް، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމްކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ، ރިޔާސީ ވައުދުފުޅު ފުއްދެވުމަށް އެހީތެރިވެދިނުމުގެ ގޮތުން އެޗްޑީސީން ގާއިމުކުރުމަށް ހަމަޖެހިފައިވާ، އައުޓްޑޯ ޖިމްތަކުގެ ތެރެއިން، ހަތް ރަށެއްގެ ޖިމް ގާއިމުކޮށް މިހާރު ވަނީ ނިންމާލާފައެވެ.
އެޗްޑީސީން ބުނީ އެ ކުންފުނިން މަސައްކަތް ކުރަނީ ނުނިމި ހުރި ޖިމްތައް ވެސް ޝެޑިއުލާ އެއްގޮތަށް ނިންމާލުމަށް ކަމަށެވެ.

ރައްޔިތުންގެ މެދުގައި ކަސްރަތު ކުރުމުގެ ޝައުގުވެރިކަން އިތުރުކޮށް، ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ގާއިމުކުރާ މި ޖިމްތަކުގައި ހުންނާނީ ފެންވަރު ރަނގަޅު ޒަމާނީ އިކުއިޕްމަންޓްތައް ކަމުގައިވެސް އެ ކުންފުނިން ބުންޏެވެ.
ޖިމް ގާއިމުކޮށް ނިމުނު ހަތް ރަށަކީ:
° އއ. ފެރިދޫ
° އއ. އުކުޅަސް
° އދ. ދިގުރަށް
° އދ. ފެންފުށި
° އދ. މާމިގިލި
° އދ. މަންދޫ
° ބ. ގޮއިދޫ
އެޗްޑީސީގެ އަމާޒަކީ، ކުންފުނީގެ ސީއެސްއާރުގެ ދަށުން، ދިވެހި މުޖްތަމައުއަށް ފައިދާހުރި މިފަދަ އިތުރު މަޝްރޫއުތައް ވެސް މުސްތަގުބަލުގައި ކުރިއަށްގެންދިޔުން ކަމުގައި އެ ކުންފުނިން ބުންޏެވެ. އެ ކުންފުނިން މިހާރު ވެސް ވަނީ ވަރަށް ގިނަ ސީއެސްއާރު ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގާފައެވެ.




