ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ތިން މަސްދުވަސްތެރޭ ހަވާލު ކުރުން ލާޒިމުވާ ގޮތަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފިއެވެ.
އެ ބިލަކީ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަށް މި ސަރުކާރުން ހަވާލު ނުކުރާ ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ބިމާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހެކެވެ.
އެ ބިލު މަޖިލީހުން ބޭރުކޮށްލީ އެ ބިލު ރައީސް ޑރ. މުއިއްޒު އަނބުރާ މަޖިލީހަށް ފޮނުވާލުމުން ބިލު އޮތްގޮތަށް އަލުން ފާސްކުރަން ފެނޭތޯ މިއަދުގެ ވޯޓު ގަޑީގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ ތެރެއިން 75 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
މެންބަރު މީކާއިލްގެ ހުށަހެޅުމަށް އެ ބިލު ކޮމިޓީއަށް ފޮނުވަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ.
މީކާއިލް ހުށަހެޅުއްވި އިސްލާހުގައި ބުނީ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި ޝާއިއު ކުރާތާ ތިން މަސް ތެރޭގައި އެ ގޯތިތައް ހަވާލު ކުރަން ޖެހޭނެ ކަމަށެވެ.
އަދި މިހާތަނަށް ސަރުކާރުން ހަވާލު ކޮށްފައި ނުވާ ގޯތިތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ތެރޭގައި ހަވާލު ކުރަން ޖެހޭނެ ކަމަށެވެ.
މެންބަރު މީކާއިލް ވިދާޅުވީ އެ ސްކީމްގެ ދަށުން މާލެ ރައްޔިތުންނަށް ދޫކުރި ގޯތިތަކުގެ ދާއިމީ ލިސްޓު އާންމު ކުރިތާ އެތައް ދުވަހެއްވީ ނަމަވެސް މި ސަރުކާރުން އެ ގޯތިތައް ހަވާލު ކޮށްފައި ނުވާ ކަމަށެވެ.
އެ ބިލު ފާސްކޮށްފައި ވަނީ 19 ވަނަ މަޖިލީހުގައި އޮތް އެމްޑީޕީގެ އަޣުލަބިއްޔަތުން ފާއިތުވި އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގައެވެ. ނަމަވެސް ޖެހިގެން އައި މެއި މަހުގެ 16 ވަނަ ދުވަހު ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ފޮނުވާލައްވާފައެވެ.
ރައީސް އޮފީހުން ބުނީ ބިމާ ބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގަންނަވާ ކަމަށެވެ.



