ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ނެތް ހާލަތްތަކުގައި މަޖިލީހުގެ ރިޔާސަރު ބަލަހައްޓަވާނެ ފަސް މެންބަރުންގެ ނަން އިއުލާނުކުރައްވާ ތަރުތީބުކުރައްވައިފިއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނަންތައް އިއުލާނު ކުރެއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
އަބްދުއްރަހީމް އަބްދުﷲ ވަނީ ގަވައިދުގައިވާ ގޮތުގެ މަތިން މަޖިލީހަށް މެޑުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ފަސް މެންބަރުންގެ ނަން އިއުލާނު ކުރައްވާފައެވެ.
ރިޔާސަތު ބަލަހައްޓަވާ މެންބަރުންގެ ނަންތައް ތަރުތީބު ކުރެވިފައިވާ ގޮތް:
- ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވަނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު އެވެ. ސިޔާމް ވަނީ މެދުނުކެނޑި 19 އަހަރާއި 3 މަސް ދުވަހު މަޖިލީހަށް ޚިދުމަތް ކޮށްދެއްވާފައެވެ.
- މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވަނީ މެދުނުކެނޑި 15 އަހަރު މަޖިލީހަށް ޚިދުމަތް ކުރައްވާފައެވެ.
- އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވރސް ވަނީ މެދުނުކެނޑި 15 އަހަރު ޚިދުމަތްކުރައްވާފައެވެ.
- ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވެސް މެދުނުކެނޑި 15 އަހަރު ޚިދުމަތް ކުރެއްވިއެވެ.
- ފަސް ވަނައަށް އިން މަހިބަދޫ ދާއިރާއިގެ މެންބަރު އަހުމަދު ތޯރިގް މަޖިލީހަށް މެދުނުކެނޑި ޚިދުމަތް ކޮށްދެއްވީ 10 އަހަރުއެވެ.
ގަވައިދުގައި ބުނީ ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންގެ ތެރެއިން ޖުމްލަ ފަސް މެންބަރުން ކަމަށާ އެ ފަސް މެމްބަރުންގެ ތަރުތީބު ކަނޑައެޅުމުގައި އެ މެމްބަރުންގެ މެމްބަރުކަމުގެ މުއްދަތަށް އިސްކަންދޭންޖެހޭނެ ކަމަށެވެ.




