ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ތުހުމަތުތަކެއް ކޮށް ’އަދަދު‘ ނޫހުން ނެރުނު ޑޮކިއުމެންޓްރީއަށް މައުލޫމާތުދިން ކަމަށް ފުލުހުން ތުހުމަތުކުރާ އީޝާ އަޝްރަފުގެ މައްޗަށް ގަޒުފުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.
ޕީޖީ އޮފީހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، އީޝާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނޫނުލްއުގޫބާތުގެ 612 ވަނަ މާއްދާގެ ދަށުން ގަޒުފުކުރުމުގެ ކުށުގައެވެ. ނަމަވެސް، މި ދައުވާއާ ގުޅޭ އިތުރު ތަފްސީލެއް އެ އޮފީހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ޑޮކިއުމެންޓްރީގެ މައްސަލައިގައި ’އަދަދު‘ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އަދި އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ވެސް ވަނީ ގަޒުފު ކުރުމުގެ ދައުވާ އުފުލައިފައެވެ. ސިއްރުކޮށްގެން ކުރިއަށް ގެންދާ އެ ޝަރީއަތުގައި ފިޔާޒާއި ހަސަން ވެސް ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.
މީގެއިތުރުން، ’އަދަދު‘ ނޫހުން ނެރުނު ވީޑިއޯ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފައެވެ.



