އިންޑިއާގެ ޓަމިލްނާޑޫގައި ހިންގި ދެ އޮޕަރޭޝަނެއްގައި 18 ކްރޯޑު ރުޕީސްއަށް ވުރެ އަގުބޮޑު މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މީގެ ތެރޭގައި ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ 17 ކްރޯޑު ރުޕީސް (27 މިލިއަން ރުފިޔާ)ގެ ހަޝިޝް އޮއިލް ހިމެނެއެވެ.
އިންޑިއާގެ ފުލުހުންނާ ހަވާލާދީ އެ ޤައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޓުޓިކޮރިންއިން އަތުލައިގަތީ 67 ކިލޯގެ ހަޝިޝް އޮއިލްއެވެ. މި މައްސަލައިގައި ޓުޓިކޮރިންއަށް ނިސްބަތްވާ ހަތަރު ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި ތަކެތި އަތުލައިގަތީ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
ތަހުގީގަށް އެނގިފައިވާ ގޮތުގައި މި ތަކެތި ޓުޓިކޮރިންއަށް ގެންގޮސްފައިވަނީ ހޯމަ ދުވަހު ކޮއިމްބަތޫރުން ކާރެއްގައެވެ. އަދި ތުހުމަތުކުރެވޭ މީހުން ރާވައިގެން ތިބީ ބޯޓެއްގައި ކަނޑުމަގުން މި ތަކެތި ރާއްޖެއަށް އެތެރެކުރުމަށެވެ. ފުލުހުން ވަނީ މަސްތުވާތަކެތި އުފުލުމަށް ބޭނުންކުރި އުޅަނދުވެސް ހިފަހައްޓާފައެވެ.
މި މައްސަލަ ވެސް އިންޑިއާގެ ނާކޮޓިކް ޑްރަގްސް އެންޑް ސައިކޮޓްރޮޕިކް ސަބްސްޓެންސަސް (އެންޑީޕީއެސް) ގާނޫނުގެ ދަށުން ދަނީ ތަހުގީގުކުރަމުންނެވެ. ފުލުހުން ބުނި ގޮތުގައި، ޓުޓިކޮރިންއިން އަތުލައިގަތް މަސްތުވާތަކެތީގެ އަސްލު ހޯދުމަށާއި، ރާއްޖޭގައި މި ތަކެއްޗާ ހަވާލުވުމަށް ތިބި ބައިނަލްއަގުވާމީ ނެޓްވޯކްގެ މީހުން ދެނެގަތުމަށްޓަކައި ހައްޔަރުކޮށްފައިވާ މީހުންނާ ދަނީ ސުވާލުކުރަމުންނެވެ.



