އޯޓިޒަމް އަދި އޭޑީއެޗްޑީ ތަހައްމަލު ކުރަމުންދާ އުމުރުން 19 އަހަރުގެ މުޙައްމަދު ފައްޔާހް ހަސަން (ދޮންކަލޯ) އާއި އޭނާގެ ބައްޕަ ހަސަން ފަޔާޒް (ފަޔާ) ގެ އާ ”ގެ“ ނިންމުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޓިކްޓޮކް ކޮމިއުނިޓީން އިސްނަގައިގެން ބާއްވާ ހާއްސަ ފަންޑްރައިޒިން ހަރަކާތް މިރޭ އޮންނާނެއެވެ.
ޓިކްޓޮކްގެ މަޝްހޫރު ތަރިން ކަމުގައިވާ އެމްޓީޕީ އާއި މަރިޔަމް ސަމާގެ ޓީމު އިސްނަގައިގެން މުޅި ޓިކްޓޮކް ކޮމިއުނިޓީއާ ގުޅިގެން ހިންގާ މި ހަރަކާތް އޮންނާނީ މިރޭ 9:00 ގައި، ދޮންކަލޯގެ ބައްޕަ ހަސަން ފަޔާޒްގެ ޓިކްޓޮކް ލައިވްގައެވެ.
ދިރިއުޅުމުގެ 24 ގަޑިއިރު ދަރިފުޅަށް ހުސްކޮށްގެން ހުރި ބ. ހިތާދޫ، ހަސަން ފަޔާޒްގެ ޓިކްޓޮކް ވީޑިއޯތަކުން ފެންނަނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ބެލުމުގައި އުފުލަން ޖެހޭ ބުރަ މަސައްކަތާއި ކެތްތެރިކަމެވެ. ދަތި، ކުޑަ ގެއެއްގައި އެކަނިމާއެކަނި ދަރިފުޅުގެ ހުރިހާ ކަމެއް ކުރަމުން އަންނަ އެ ބައްޕަގެ ފަރާތުން އެއްވެސް ޝަކުވާއެއް ނުފެނެއެވެ. ދަރިފުޅު ބަލަމުންދާއިރު ފަޔާގެ ފަރާތުން ފެންނަނީ އޯގާތެރި ކަމާއި މަޑުމައިތިރިކަން އަދި ދަރިފުޅަށް އޮތް އިންތިހާ ދަރަޖައިގެ ލޯތްބެވެ. ނަމޫނާ ބައްޕައެއްގެ ފުރިހަމަ މިސާލެކެވެ.
ފަޔާމެން މިހާރު އުޅޭ މުސްކުޅި ގޭގައި ދޮންކަލޯ ދިރިއުޅެމުންދާ މާހައުލަކީ ވަރަށް ބަންދު މާހައުލެކެވެ. ދޮންކަލޯއަށް ދުވެލާނެ ޖާގައެއް ނެތުމުގެ އިތުރުން އެތަން ވަރަށް ހޫނުގަދައެވެ. ވީމާ ދޮންކަލޯއަށް ރަނގަޅު މާހައުލެއް ހޯދައި ދިނުމަށްޓަކައި ފަޔާ މިހާރު ހަދަމުން އަންނަ ގެއަކީ ފަޔާގެ މަންމަގެ މަންމަގެ ގެއިން އޭނާގެ މަންމައަށް ލިބިފައިވާ ތަނެކެވެ. ކުރިން ވެސް ހަދާފައި ހުރި އެގޭގެ ފުރާޅާއި މަތިވަޑާންގަނޑު ބާވުމުގެ ސަބަބުން، މިހާރު ވަނީ ގެ ބޮޑުކޮށް އަލުން ހިޔާކޮށްފައެވެ. ދެން އޮތީ ތަޅުން އެޅުމާއި މުށި ޖެހުން ފަދަ ނުނިމި ހުރި މުހިންމު މަސައްކަތްތައް ފުރިހަމަކުރުމެވެ. ނަމަވެސް ފަޔާގެ ހާލަތު މިހާރު ހުރިގޮތުންނާއި، ދޮންކަލޯއަށްޓަކައި ގިނަ ވަގުތު ހުސްކުރުމަށްޓަކައި ފަޔާއަށް ގެ ހެދުމަށް ދަތިތަކެއް ދިމާވެ ގެ ނިންމުމުގެ މަސައްކަތް ދަނީ ވަރަށް މަޑުންނެވެ.
ފަޔާޒުމެން މިހާރު ދިރިއުޅެމުން އަންނަނީ ދޮންކަލޯއަށް ލިބޭ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް އާއި ފަޔާޒު ގޭގެއިން ރުއްކަނޑައިދީގެން ލިބޭ ފައިސާއިންނެވެ. ފަޔާޒު ބުނި ގޮތުގައި ރަށުން ވަޒީފާއެއް ލިބުނު ނަމަވެސް، ދަރިފުޅު ދޫކޮށްފައި އެހާ ގިނައިރަށް ދެވެން ނޯންނަނީ ދޮންކަލޯ ރުޅިގަދަވެއްޖެ ހާލަތެއްގައި އޭނާގެ މަންމަމެންނަށް ވެސް ހިފަހައްޓާ ނުލެވޭތީ އެވެ. ފަޔާގެ ހުވަފެނަކީ އަވަހަށް ގެ ނިމި ދޮންކަލޯއަށް ފަސޭހަ ޖާގަ ބޮޑު މާހައުލެއް ހޯދައި ދިނުމެވެ.
އެމްޓީޕީ އާއި މަރިޔަމް ސަމާގެ ޓީމުން މި ފަންޑްރައިޒިން އިވެންޓް ފެށުމަށް އިސްނެގީ މި މަންޒަތުތަކާއި އެ ދެބަފައިންގެ ދިރިއުޅުމުގެ ހާލަތު ފެނި، ފަޔާ ހަދަމުންދާ މި އާ ގެ އަވަހަށް ނިންމުމަށްޓަކައި އެހީތެރިވުމަށެވެ. މި އާ ގެއަށް ބަދަލުވެވުމުން ދޮންކަލޯ ބެލެހެއްޓުމަށާއި އޭނާއަށް ބޭނުންވާ ފަސޭހަ ޖާގަ ބޮޑު މާހައުލެއް ލިބިގެންދާނެއެވެ.
އެހެންކަމުން މިރޭ ބާއްވާ މި ފަންޑްރައިޒިން އިވެންޓުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވެ، ފަޔާއާއި ދޮންކަލޯގެ ދިރިއުޅުމުގެ މި ބޮޑު ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށް އެހީތެރިވުމަކީ އެމްޓީޕީ، ސަމާ އަދި މުޅި ޓިކްޓޮކް ކޮމިއުނިޓީގެ ވަރަށް ބޮޑު އެދުމެކެވެ.


