ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ މަގުސަދުގައި ސަރުކާރުން ފެށި ވަތަނީ ހިދުމަތުގެ ޕްރޮގްރާމަށް އަހަރެއް ފުރުނު އިރު، އެ ޕްރޮގްރާމް ވަރަށް ކާމިޔާބު ކަމަށާއި އޭގެ ކުރިމަގު ވެސް ވަރަށް އުޖާލާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މި ޕްރޮގްރާމަށް އަހަރެއް ފުރުމާ ގުޅިގެން ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ޒުވާނުންގެ ކުރިމަގު ބައްޓަންކޮށް އުޖާލާކޮށްދިނުމުގެ މުޅިން އާ ރާސްތާއެއް ފަހިކޮށްދިނުމުގެ ނިޔަތާއި އުންމީދުން ފުރިގެންވި އަޒުމާއެކު އޮކްޓޯބަރު 1، 2025 ގައި ސަރުކާރުން ފެށި ދިވެހި ވަތަނީ ހިދުމަތަށް އެއް އަހަރު ފުރުމާ ގުޅިގެން، މިހާތަނަށް ތަމްރީނުތައް ފުރިހަމަކުރި ޒުވާނުންނަށާއި އެ ފަރާތްތަކުގެ އާއިލާތަކަށް ތަހުނިޔާ އަރިސްކުރައްވާ ކަމަށެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، ވަތަނީ ހިދުމަތުގެ ތެރެއިން ކޮންމެ އަހަރަކު އެއްހާސް ޒުވާނުން ތަމްރީނު ކުރުމަށް ސަރުކާރުން ކަނޑައެޅި ލަނޑުދަނޑި ފުރަތަމަ އަހަރު ވެސް ވަނީ ހާސިލް ކުރެވިފަ އެވެ.

އެގޮތުން އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 1،028 ދިވެހި ޒުވާނުން ވަނީ ތަމްރީނުކޮށްފަ އެވެ. އަދި އެ ތަމްރީނަށް ފަހު ކުރިއަށްގެންދިޔަ ނޭޝަނަލް ސާވިސް ސްކިލް ޓްރޭނިން ޕްރޮގްރާމުން 136 ޒުވާނަކު ތަމްރީނުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ސިފައިންގެ ބެލުމުގެ ދަށުން ކުރިއަށްގެންދާ ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ އަސާސީ ތަމްރީނުގެ ތިން ބެޗް މިހާތަނަށް ހިންގާފައިވާ އިރު، މި މަހުގެ މެދުތެރޭގައި ހަތަރު ވަނަ ބެޗް ފެށުމަށް ވެސް އަންނަނީ ތައްޔާރުވަމުންނެވެ.

”މާތް ﷲ ގެ ހެޔޮ ރަޙުމަތާއެކު ދިވެހި ވަޠަނީ ޚިދުމަތުގެ ކުރިމަގު ފެންނަނީ ވަރަށް އުޖާލާކޮށް. އިރާދަ ކުރެއްވިއްޔާ، ނޭޝަނަލް ސަރވިސްގެ ތެރެއަށް ފަންނީ އިތުރު ދާއިރާތައް ތަޢާރަފްކޮށް، ނޭޝަނަލް ސަރވިސްގެ އިންޓަރންޝިޕް ޕްރޮގްރާމްތައް ވެސް ތަޢާރަފް ކުރެވޭނެ،“ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، އެ ތަމްރީނުތައް ފުރިހަމަކުރާ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކުރާ މަސައްކަތުގައި ނޭޝަނަލް ކެރިއަ ސާވިސްގެ ދައުރު ފުޅާކުރުމަކީ ވެސް ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.



