ފާއިތުވެދިޔަ އަހަރުތަކުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ވަނީ އައު އުސްމިންތަކަކަށް ގޮސްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެންވިދާޅުވީ ޗައިނާގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއް މެދުވެރިކުރައްވައި ފޮނުއްވެވި ތަހުނިޔާގެ މެސެޖުގައެވެ. މި މެސެޖުގައި ނައިބު ރައީސް ވަނީ ޗައިނާގެ ރައީސަށާއި، ނައިބު ރައީސް ހަންގް ޒެންގް އަދި އެ ޤައުމުގެ އެކުވެރި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އިޚްލާޞްތެރިކަމާއެކު ފޮނުއްވާފައެވެ.
ނައިބު ރައީސްގެ މެސެޖުގައި، ޗައިނާ ރިޕަބްލިކް އުފެދުނުތާ 77 އަހަރު ފުރުނު އުފާވެރި މުނާސަބަތު ފާހަގަކުރައްވަމުން ވިދާޅުވީ، ކުރިއަށް އޮތް އަހަރުތަކުގައިވެސް ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރިކަމާއި، އެކަކު އަނެކަކަށް އޮންނަ އިތުބާރާއި ދެނެގަތުމުގެ ވަރުގަދަ ގުޅުން އިތުރަށް ބަދަހިވަމުންދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށެވެ.
އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ޗައިނާގެ ޤައުމީ ދުވަސް ފާހަގަކުރަނީ 1949 ވަނަ އަހަރު ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އުފެދުނު ދުވަހާ ގުޅުވައިގެންނެވެ. އެއީ 23 އަހަރަށް ދެމިގެންދިޔަ ޗައިނާގެ ދާޚިލީ ހަނގުރާމައިގައި، ކުރިން ވެރިކަން ކުރަމުން އައި ޗައިނީސް ނެޝަނަލިސްޓް ޕާޓީގެ މައްޗަށް ޗައިނީސް ކޮމިއުނިސްޓް ޕާޓީން ކާމިޔާބު ހޯދި ދުވަހެވެ.
ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ރަސްމީކޮށް ޤާއިމްކޮށްފައިވަނީ 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. މި އަހަރަކީ ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމްކުރިތާ 54 އަހަރު ފުރޭ އަހަރެވެ.



