ނިމިދިޔަ ސެޕްޓެންބަރު މަހު އެކަނިވެސް ޖުމްލަ 924 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ވައްކަމާއި މަގުމަތީގެ އެކްސިޑެންޓުތަކުގެ މައްސަލަތަކެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ސެޕްޓެންބަރު މަހު އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ވައްކަމުގެ 277 މައްސަލަ އަދި މަގުމަތީގެ އެކްސިޑެންޓުގެ 222 މައްސަލަ އެވެ. މީގެއިތުރުން މަސްތުވާތަކެތީގެ 165 މައްސަލައާއި، ގެއްލުނު މުދަލުގެ 69 މައްސަލައާއި، ތަކެއްޗަށް ގެއްލުންދިނުމުގެ 57 މައްސަލައެއް ހިމެނެއެވެ.
އަދި މާރާމާރީގެ 49 މައްސަލައާއި، ޚިޔާނާތުގެ 30 މައްސަލައާއި، ގެވެށި އަނިޔާގެ 23 މައްސަލައިގެ އިތުރުން ޖިންސީ ކުށްތަކުގެ 14 މައްސަލަ، މަކަރާއި ޙީލަތް ހެދުމުގެ 9 މައްސަލަ އަދި ފޭރުމުގެ 9 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
މިއަހަރުގެ ފުރަތަމަ 4 މަސްދުވަހު މަހަކު އެވްރެޖުކޮށް 1,000 އަށްވުރެ ގިނަ މައްސަލަ ހުށަހެޅުނުއިރު، އަހަރުގެ މެދުތެރެއިން ފެށިގެން އާންމު ކުށްތަކުގެ އަދަދު ވަނީ ވަކިވަރަކަށް ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް، މިއަހަރުގެ މިހާތަނަށް މުޅި ޖުމުލަ 9,454 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ. މީގެ ތެރެއިންވެސް އެންމެ ގިނައީ ވައްކަމުގެ 2,610 މައްސަލައާއި، 2,273 އެކްސިޑެންޓު މައްސަލައެވެ.
މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ހުށަހެޅުނު 1,142 މައްސަލައާ އަޅާބަލާއިރު، މިއަހަރުގެ ސެޕްޓެންބަރު މަހު ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް ވަނީ ދަށްވެފައެވެ. މިހާރުވެސް ފުލުހުން ދަނީ މަގުމަތީގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް މަދުކުރުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންނެވެ.



