ޤަައުމީ ފެންވަރުގެ ޓިވެޓް ޕޮލިސީއެއް އޮތުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން،ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ އާއި، މިނިސްޓްރީ އޮފް ހަޔަރއެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓާއި،ކޮލަމްބޯ ޕްލޭން ސްޓާފް ކޮލެޖާއި ގުޅިގެން އިން-ކަންޓްރީ ޕްރޮގްރާމް އޮން ”ޑިވެލޮޕްމަންޓް އޮފް މޯލްޑިވްސް ނޭޝަނަލް ޓިވެޓް ޕޮލިސީ ފްރޭމްވޯރކް“ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ވަނީ ފަށާފައެވެ.
މި ހަފްލާގައި މިނިސްޓަރ ޑރ. މާރިޔާ ވީޑިޔޯ މެދުވެރިކޮށް ދެއްވި ޚާއްސަ މެސެޖްގައި ޤަައުމީ ފެންވަރުގެ ޓިވެޓް ޕޮލިސީއެއް އޮތުމުގެ މުހިއްމުކަމަށް އަލިއަޅުވާލެއްވިއެވެ.
މިގޮތުން ބަދަލުވަމުންދާ ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރާއި މައުލޫމާތު ލިބިފައިވާ ފަރުދުންތަކެއް ބިނާކުރުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
އަދި މި ޕޮލިސީގެ ސަބަބުން އިގްތިސާދަށާއި ދިވެހީންނަށް ފާގަތި މުސްތަޤްބަލެއް ގެނުވާނެކަމަށް ވިދާޅުވިއެވެ.
މި ހަފްލާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ ސްޓޭޓް ފޮރ އެޑިޔުކޭޝަން، ޑރ. އަޙްމަދު މުޙައްމަދުއެވެ.
ޑރ. އަހްމަދު ވިދާޅުވީ ޓިވެޓް ދާއިރާތަކަށް އަހުލުވެރިކުރުމަށް ކީ-ސްޓޭޖް 3 ން ފެށިގެން ކަރިކިޔުލަމަށް ޓިވެޓް ޕްރޮގްރާމްތައް އިންޓަގްރޭޓް ކުރުމަށްފަހު ކީ ސްޓޭޖް 4 ގައި ޓިވެޓްގެ އެކި ރޮނގުރޮނގުން މާއްދާތައް ކިޔަވައިދިނުމާއި އަދި ކީ ސްޓޭޖް 5 ގައި ޓިވެޓް ސްޓްރީމެއް ފެށުމުގެ ޚިޔާލު ގެންގުޅުއްވާ ކަމަށެވެ.
މި ރަސްމިއްޔާރުގައި ވާހަކަ ދައްކަވަމުން އެމް. އެން .އެސް.ޑީ.އޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ޑރ ޒަހުރާ މުޙައްމަދު ވިދާޅުވީ މި ތަމްރީނު ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ ”ޓިވެޓް“ ދާއިރާގެ ޕޮލިސީތައް ތައްޔާރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ބެލުން ކަމަށެވެ.
އަދި، އެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ކުރިމަތިވާ މައްސަލަތަކާއި، ގޮންޖެހުންތައް ދެނެގަތުމުގެ އިތުރުުން، މީގެ ކުރިން އެކުލަވާލައިފައިވާ ސްޓްރެޓެޖިކް ޕްލޭންތައް ދިރާސާކޮށް، މުސްތަޤުބަލުގައި ބޭނުންކުރެވޭނެ ހަރުދަނާ ޓިވެޓް ޕޮލިސީ ފްރޭމްވޯކެއް އެކުލަވާލުންކަމަށެވެ.
މި ޕޮލިސީ ފްރޭމްވޯކްގެ އެހީގައި މަސައްކަތްތެރިކަމާއިގުޅޭ ތައުލީމާއި ތަމްރީނު ދިނުމަށް ބޭނުންކުރާ ކަރިކިއުލަމްތައް އެކުލަވާލުމާއި، ސްޓްރެޓެޖިކް ޕްލޭންތައް ކުރިއަށް ގެންދިއުމާއި ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ވަސީލަތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ ކަމަށާ މަސައްކަތްތެރިކަމުގެ ސިނާއަތްތަކާއި ގުޅުން ބަދަހިކޮށް، ތަމްރީނުތައް ހިނގަމުންދާގޮތް ބަލައި، ތަމްރީނުތަކުގެ ފެންވަރު ކަށަވަރުކުރުމާއި، ވަޒަންކުރެވޭނެ ނިޒާމެއް ޤާއިމްކުރެވޭނެ ކަމަށްވެސް ސީ.އީ.އޯ ވިދާޅުވިއެވެ.
މި ތަމްރީނު ޕްރޮގްރާމް ކުރިޔަށްދަނީ ވޯރލްޑްބޭންކްގެ މޯލްޑިވްސް އެންހޭންސިންގ އެމްޕްލޯޔަބިލިޓީ އެންޑް ރެޒީލިއަންސް އޮފް ޔޫތު (މީރީ) ޕްރޮޖެކްޓްގެ އެހީތެރިކަމާއެކުއެވެ.
މި ހިނގާ ޖޫން 2 ން 6 އަކަށް މާލޭގައި ބާއްވާ މި ތަމްރީނު ޕްރޮގްރާމުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަންނީ ތަޖްރިބާކާރުން ސެޝަންތައް ނަންގަވައިދެއްވުމަށްވަނީ ހަމަޖެހިފައެވެ. މި ތަމްރީނު ޕްރޮގްރާމުގައި ޓިވެޓް ދާއިރާ އަށް ނިސްބަތްވާ 60 ފަރާތަކުން ބައިވެރިވެއެވެ.




