މިދިޔަ ސެޕްޓެންބަރު މަހު ރާއްޖެއަށް 150,000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ދައްކައިފިއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު އިތުރުވަމުން އަންނައިރު، ކުރިއަށްއޮތް ހައި ސީޒަންގައި ފަތުރުވެރިން އަންނަ މިންވަރު އިތުރަށް މަތިވާނެ ކަމަށް ސަރުކާރާއި ދާއިރާގެ ހިއްސާދާރުން އަންދާޒާ ކުރެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ޖުމްލަ 150,764 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ރާއްޖެއަށް ޒިޔާރަތްކުރި 151,114 ފަތުރުވެރިންނާ އަޅާބަލާއިރު 0.2 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5,872 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ސެޕްޓެންބަރު 26 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް 6,284 ފަތުރުވެރިން ރާއްޖެ އެތެރެވެފައިވެއެވެ.
މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ 1,603,021 އަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1,659,031 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާތީ މިއީ 3.4 އިންސައްތައިގެ ދަށްވުމެކެވެ. މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގޮތުން ޗައިނާއިން 300,977 ފަތުރުވެރިން، ރަޝިއާއިން 229,236 ފަތުރުވެރިން، އިނގިރޭސިވިލާތުން 119,968 ފަތުރުވެރިން، ޖަރުމަނުވިލާތުން 99,062 ފަތުރުވެރިން އަދި އިޓަލީވިލާތުން 98,039 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މި މުއްދަތުގައި ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 1,158,404 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި ގެސްޓްހައުސްތަކުގައި 345,220 ފަތުރުވެރިން، ހޮޓާތަކުގައި 36,106 ފަތުރުވެރިން އަދި ސަފާރީ އުޅަނދުތަކުގައި 29,679 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ.
މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ވައިގެ މަގުން ޖުމްލަ 1,587,438 ފަތުރުވެރިން އެތެރެވެފައިވެއެވެ. މީގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ކަމަށްވާ 1,569,214 މީހުން އެތެރެވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ. އަދި ގަން އިންޓަރނޭޝަނަލް އެއަރޕޯޓުން 5,606 ފަތުރުވެރިން، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުން 5,032 ފަތުރުވެރިން، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުން 3,331 ފަތުރުވެރިން، މާމިގިލީ އެއަރޕޯޓުން 2,971 ފަތުރުވެރިން އަދި ދާލު އެއަރޕޯޓުން 1,284 ފަތުރުވެރިން ވަނީ ރާއްޖެއަށް އެތެރެވެފައެވެ.



