މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށާއި، އުފެއްދުންތެރިކަން މައްޗަށް ގެންދިއުމަށާއި ވިޔަފާރިތައް ކުރިއަށްގެންދިއުމަށް ހުރިހާ ގޮތަކުންވެސް މިހާރަށް އެންމެ މުހިންމު މަޝްރޫޢުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަން ތިލަފުއްޓަށް ބަދަލުކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ބައްލަވާލެއްވުމަށް އިއްޔެ ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި މީޑިއާތަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ތިލަފުއްޓަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ގެ ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤެވެ. އަދި މި ޒިޔާރަތުގައި އެމް.ޕީ.އެލްގެ ފަރާތުން ވަނީ މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތު ރައީސާ ހިއްސާކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، މި މަސައްކަތް ސަރުކާރުގެ ހުރިހާ ފަރާތްތަކާއި އެހީތެރިކަންދޭ ބޭރުގެ ފަރާތްތަކާއެކު ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. އަދި މި މަސައްކަތުގައި ރެޔާއި ދުވާލު ބުރަކޮށް ހަރަކާތްތެރިވާ ކަމާބެހޭ ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުގެ ވެރިންނާއި މުވައްޒަފުން ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ. ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، ޖާގަ ބޮޑު، ވަސީލަތް ފުރިހަމަ ޕޯޓެއްގެ ގޮތުގައި އަންނަ އަހަރުގެ ނޮވެންބަރު މަހު މާލޭ ވިޔަފާރި ބަނދަރު ތިލަފުށީގައި އޮޕަރޭޝަނަށް ގެނެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައީސް ވަނީ މީގެ ކުރިން ދެއްވާފައެވެ.

މި މަޝްރޫޢުގެ ތެރެއިން އެތެރޭގެ އުޅަނދުފަހަރަށް ޚާއްޞަ ކީ-ވޯލްގެ ފުރަތަމަ 100 މީޓަރުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަދި ބިންގަނޑު އެއްވަރުކޮށް މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެތެރޭގެ ކީ-ވޯލްގެ ހިއްކި ސަރަޙައްދު ބެކްފިލް ކުރުމުގެ ގާތްގަނޑަކަށް 40 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. މީގެއިތުރުން ކީ-ވޯލަށް ބޭނުންވާ ޕްރީކާސްޓް ކޮންކްރީޓް ބްލޮކްތައް ސައިޓުގައި އުފެއްދުމާއި، މެޝިނަރީއާއި ވަސީލަތްތައް ހޯދުމުގެ އިތުރުން ޓާމިނަލް ޢިމާރާތްތައް އަޅާނެ ކޮންޓްރެކްޓަރަކު ހޮވުމުގެ މަސައްކަތް ދަނީ ބާރަށް ކުރިއަށެވެ.
ތިލަފުށީގައި ގާއިމުކުރެވޭ 60 ހެކްޓަރުގެ މި ބަނދަރު ހުޅުވޭއިރު އަހަރަކު 390،000 ޓީ.އީ.ޔޫ. ކެޕޭސިޓީގައި ކޮންޓެއިނަރު ގެންގުޅުމުގެ ޖާގަ ލިބިގެންދާނެއެވެ. އަދި މުޅި މަޝްރޫޢު ނިމޭއިރު މި ޢަދަދު އަހަރަކު 1.8 މިލިއަން ޓީ.އީ.ޔޫ. އަށް އިތުރުކުރެވޭނެއެވެ. ބަނދަރު ހުޅުވާނީ ފުން މިނުގައި 14.6 މީޓަރު ހުންނަ ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ޚާއްޞަ 375 މީޓަރު ދިގު ކީ-ވޯލަކާއެކުގައެވެ. މި ކީ-ވޯލް ފަހުން 1.4 ކިލޯމީޓަރަށް ދިގުކުރުމުގެ ޖާގަ އޮންނާނެއެވެ. އަދި ޑޮމެސްޓިކް އުޅަނދުފަހަރަށް ޚާއްޞަ ގާތްގަނޑަކަށް 2 ކިލޯމީޓަރަށް ވުރެ ދިގު ކީ-ވޯލެއްވެސް މި ބަނދަރުގައި ހެދިގެންދާނެއެވެ.

މި ބަނދަރު ހުޅުވޭއިރު ޝިޕް-ޓު-ޝޯ 2 ކީ ކެރޭނާއި 1 މޮބައިލް ހާބަރ ކެރޭނު ގާއިމުކުރެވޭނެއެވެ. އަދި ބައިނަލްއަގުވާމީ ކޮންޓޭނަރު ބޯޓުފަހަރަށް ޚާއްޞަ ކީ-ވޯލާއެކު، މުދާ ބަރުކޮށް ބާލައިހެދުމުގެ ޓާންއަރައުންޑް ވަގުތު ގާތްގަނޑަކަށް 2 ދުވަހަށް ކުރުކުރެވޭނެ ކަމަށް ވަނީ އަންދާޒާކުރެވިފައެވެ.
މިއީ މާލޭ ވިޔަފާރި ބަނދަރުގައި މުދާ ބަރުކޮށް ބޭލުމަށް މިހާރު ހޭދަވާ 7 ދުވަހާއި 14 ދުވަހާ ދެމެދުގެ މުއްދަތާ އަޅާބަލާއިރު ވިޔަފާރިތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.



