ޛިކުރުކުރުމުގެ ސަބަބުން ހަށިގަނޑަށް ދިރުމާއި ބާރު ލިބި، މޫނުމަތީގެ އުޖާލާކަމާއި ހައިބަތު ފާޅުވެގެންދާ ކަމަށާއި، އެއީ މަރުވެފައިވާ ހިތްތަކަށް ދިރުންދީ، ޣާފިލުކަމުގެ ނިދީން އިންސާނާ ހޭލައްވައިދޭ ކަމެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
”ގިނަގިނައިން ﷲ ހަނދުމަކުރުން“ މި މައުޟޫއަށް މިއަދު އިއްވި ހުތުބާގައި ފާހަގަކޮށްފައިވަނީ، އަދުގެ ދުނިޔޭގައި މީސްތަކުން ވޭތިކުރަމުންދަނީ ހާސްކަމާއި ނަފުސާނީ ގޮންޖެހުންތަކުން ފުރިފައިވާ ދުވަސްތަކެއް ކަމަށެވެ. އަދި ދިރިއުޅުމުގެ ދަތިތަކާއި ތަކުލީފުތަކަށް އޮތް އެންމެ މަތިވެރި ފަރުވާއަކީ ގިނަގިނައިން މާތް ﷲ ހަނދުމަކުރުން ކަމަށާއި، ޛިކުރުކުރުމަކީ ހިތުގެ ކާނާ އަދި އެކަލާނގެ ޙަޟްރަތާ ކުއްތަންވުމަށް އޮތް އެންމެ ކުރު މަގު ކަމަށް ހުތުބާގައި ބަޔާންކުރިއެވެ.
ހުތުބާގައި ބަޔާންކުރި ގޮތުގައި މާތް ﷲ ހަނދުމަކުރުން މައިގަނޑު ތިން ބަޔަކަށް ބެހިގެންވެއެވެ. އެއީ:
1. ހިތުގެ އިޚްލާޞްތެރިކަމާއެކު ހަނދުމަކުރުން: މާތް ﷲގެ ކުޅަދުންވަންތަކަމާ މެދު ފިކުރުކުރުމާއި، އެކަލާނގެ ބައްލަވައިވޮޑިގެންވާކަން ދަނެ ބިރުވެތިވުމެވެ.
2. ދުލުން ޛިކުރުކުރުން: ޤުރްއާން ކިޔެވުމާއި، ތަސްބީޙަ ކިޔުމާއި، ފާފަފުއްސެވުމަށް އެދި ދުޢާކުރުމާއި، ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔެވުމެވެ.
3. ޢަމަލީ ގޮތުން ނުވަތަ ގުނަވަންތަކުން ހަނދުމަކުރުން: ފަރުޟު ފަސް ނަމާދު އަދާކުރުމާއި، ރޯދަ ހިފުމާއި، ޒަކާތް ދިނުމާއި، ޙައްޖާއި ޢުމްރާ ފަދަ އަޅުކަންތައް ކުރުމުގެ އިތުރުން މައިންބަފައިންނަށް އޯގާތެރިވެ މީސްތަކުންނަށް އެހީތެރިވުމެވެ.
ޛިކުރުކުރާ މީހާއާއި ޛިކުރުނުކުރާ މީހާގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލުކަން ކީރިތި ރަސޫލާގެ ޙަދީޘްފުޅުން ފާހަގަކުރައްވަމުން، ޛިކުރުކުރުމަކީ ހަމައެކަނި މިސްކިތުގައި އިނދެގެން ކުރާ ކަމެއް ނޫން ކަމަށް ހުތުބާގައި ވިދާޅުވިއެވެ. ހިނގާފައި ދާއިރުއާއި، ދަތުރުފަތުރުގެ ވަގުތުތަކުގައާއި، އޮށޯވެ އޮންނައިރު އަދި މަސައްކަތުގެ މައިދާނުގައި ވެސް ޛިކުރު ކުރެވޭނެ ކަމަށް ހަނދާންކޮށްދިނެވެ.
ހުތުބާ ނިންމާލަމުން ވަނީ، ހަގީގީ ޛިކުރަކީ ދުލުން ކިޔާ ކަލިމަތަކާއެކު ހިތްވެސް އެކަމަށް ހާޒިރުކުރުން ކަމަށާއި، ފާފަތަކާ ދުރުހެލިވެ، ހެނދުނާއި ހަވީރުގެ ދުޢާތަކާއި ނަމާދުގެ ފަހުގައި ކުރާ ޛިކުރުތަކަށް ފަރުވާތެރިވުމަށް އެންމެހައި މުސްލިމުންނަށް ނަސޭހަތްތެރިވެފައެވެ.



