އާންމު އިޖުތިމާޢީ އަދި އަޚްލާގީ މިންގަނޑާ ޚިލާފަށް ހެދުން އަޅާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ، ރާއްޖޭގެ އިޖުތިމާޢީ އާންމު އަޚްލާގީ މިންގަނޑާ ޚިލާފަށް ބައެއް ބިދޭސީން ހެދުން އަޅާކަން ފާހަގަކުރެވިގެން އެކަން ނުކުރުމަށް ނަސޭހަތްތެރިވެ ނެރުނު ބަޔާނެއްގައެވެ.
ފުލުހުން ބުނީ، ދިވެހި މުޖުތަމަޢުގެ އަޚްލާގީ އަދި އާންމު އިޖުތިމާޢީ މިންގަނޑުތައް ހިފެހެއްޓުމަކީ ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީންވެސް ދިވެހި މުޖުތަމަޢުގެ ސަގާފަތާއި އާދަކާދައަށް އިހުތިރާމްކޮށް، އާންމު ތަންތަނާއި މަގުމަތީގައި އުޅޭއިރު މަސްއޫލިއްޔަތު އަދާކުރަންވާނެ ކަމަށް ފުލުހުން ބުންޏެވެ.
މިހާރަކަށް އައިސް ރާއްޖޭގައި ދިރިއުޅޭ ބައެއް ބިދޭސީން އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފަށް ނިވާކަން ކުޑަ ހެދުން އަޅައިގެން މަގުމައްޗާއި އާންމު ތަންތަނުގައި އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ބިދޭސީންގެ މި އަމަލުތަކަކީ މުޖުތަމަޢުގެ ސުލޫކީ އަދި އަޚްލާގީ މިންގަނޑުތަކާ ޚިލާފު އަމަލުތަކެއް ކަމަށާއި، އޭގެ ސަބަބުން އަމާންކަމާއި ސުލްހަ މަސަލަސްކަމަށް ނޭދެވޭ އަސަރުކޮށްފާނެފަދަ ހާލަތެއް ކުރިމަތިވުމުގެ ކުރިން ފުލުހުންނާ މަތިކޮށްފައިވާ ޒިންމާ އަދާކޮށް ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
މީގެއިތުރުން، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ފަރާތުން އެފަދަ އަމަލުތައް ނުފެންނާނެ ގޮތަށް އެ ފަރާތްތަކުގެ އަމަލުތައް ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެ ބިދޭސީންނާ ހަވާލުވެތިބޭ ފަރާތްތަކަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
ހަމައެއާއެކު، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންވެސް އެ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ސަރަހައްދުތައް ފިޔަވައި އާންމު ތަންތަނުގައި އުޅޭއިރު ދިވެހިންގެ ސަގާފަތާއި އާދަކާދައަށް އިހުތިރާމުކޮށް، އިޖުތިމާޢީ މިންގަނޑުތަކާ އެއްގޮތަށް އުޅުމަށް ސަމާލުކަން ދިނުމަށް ފަތުރުވެރިން ރާއްޖެ ގެންނަ ފަރާތްތަކަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަދި މި އިލްތިމާސްތަކާ ޚިލާފަށް އަމަލުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.




