ދުނިޔޭގެ ހިތުގެ ދުވަހާ ގުޅިގެން މާލޭގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައި ޚާއްސަ ހަރަކާތްތަކެއް ބާއްވައިފިއެވެ.
މިއަދު ހަވީރު ކުރިއަށްދިޔަ މި ހަރަކާތްތަކުގެ ތެރެއިން އެންމެން އެއްކޮށް ހިތުގެ ބައްޓަމަށް ހުއްޓިލައިގެން ތިބެ ވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ.
މާލެ ސަރަހައްދުގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭ ފޭސް 2 ގެ ރުއްގަނޑު-3 ގައެވެ. މި ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ ހެލްތު މިނިސްޓަރު ޤީލާ އަލީއެވެ.
މި ހަރަކާތުގެ ތެރެއިން އެކި އުމުރުފުރާގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް ގިނަ ސްޓޯލްތަކެއް ޤާއިމްކޮށްފައިވެއެވެ. މި ސްޓޯލްތަކުގައި ހިތާއި ހިތުގެ ދުޅަހެޔޮކަމާބެހޭ މަޢުލޫމާތު ޙިއްސާކުރުމާއި، ޒުމްބާ އަދި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ކުރިއަށްގެންދިޔައެވެ. މީގެއިތުރުން ވަގުތުން ލޭގެ ހަކުރާއި ޕްރެޝަރ ޗެކްކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާއިރު، ބައިވެރިން ވަނީ ޕްލެޖް ބޯޑެއްގައި އެމީހެއްގެ ހިތާމެދު ވާ އަހުދެއް ނުވަތަ މެސެޖެއް ޙިއްސާކޮށްފައެވެ.
މި ހަރަކާތުގައި ހެލްތު މިނިސްޓްރީގެ އިތުރުން ޓައިނީ ހާޓްސް އޮފް މޯލްޑިވްސް، ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)، އެޗްޑީސީ، ނޭޝަނަލް ސެންޓަރ ފޯރ ކާޑިއޮވެސްކިއުލަރ ޑިޒީޒަސް، ހުޅުމާލެ ހޮސްޕިޓަލް، މޯލްޑިވިއަން ރެޑްކްރެސެންޓް، އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރ، މޯލްޑިވިއަން ފިޒިއޯތެރަޕީ އެސޯސިއޭޝަން، އެފްއެޗްއެސް އަދި ނޭޝަނަލް ޑައިބެޓީސް ސެންޓަރުން ބައިވެރިވެފައިވެއެވެ.
ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރަމުން އަންނައިރު، މި އަހަރުގެ ޝިއާރަކީ ”ޑޯންޓް މިސް އަ ބީޓް“ އެވެ. ރާއްޖޭގައި 2020 އިން 2021 އަށް ކުރި ދިރާސާއަކުން ދައްކާގޮތުގައި، 15 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީގެ 4.7 އިންސައްތަ މީހުންނަކީ ހިތުގެ ބަލިތަކާއި ސްޓްރޯކް އަދި އެންޖީނާ ފަދަ ބަލިތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކެވެ.


