ގޯތި ޔަގީންކޮށްދިނުމަށް ބިމުގެ ބިލުގެ ނަމުގައި ސަރުކާރުން ފޮނުވި ބިލުން މުޅި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބިންވެރިޔާ ސްކީމުގެ ދަށުން މިދިޔަ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ތިން މަސްދުވަސްތެރޭ ހަވާލު ކުރުން ލާޒިމުވާ ގޮތަށް ހުށަހެޅި ބިލު ވަނީ މަޖިލީހުން ބޭރުކޮށްލާފައެވެ.
އެ ބިލަކީ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަށް މި ސަރުކާރުން ހަވާލު ނުކުރާ ކަމަށް ބުނެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ބިމާ ބެހޭ ގާނޫނަށް ހުށަހެޅުއްވި އިސްލާހެކެވެ.
މިއަދު މަޖިލީހުގައި ވޯޓަށް އެހީ އެ ބިލު ކޮމިޓީއަށް ފޮނުވުމަށެވެ. އެގޮތަށް ނުފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ ތެރެއިން 75 މެންބަރުން ވޯޓު ދެއްވިއެވެ.
ކޮމިޓީއަށް ފޮނުވަން 12 މެންބަރުން ވޯޓު ދެއްވިއިރު ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެންބަރަކު އިންނެވިއެވެ.
ބިލު ކޮމިޓީއަށް ފޮނުވަން ފާސްނުވުމުން ބަދަލެެއް ނުގެނެސް ބިލު ފާސްކުރަން ފެނޭތޯ މިއަދުގެ ވޯޓު ގަޑީގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ ތެރެއިން 76 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ އެ ބިލު ބޭރުކޮށްލާފައެވެ.
އޭގެ ފަހުން މާލޭގެ ދާއިރާތައް ތަމްސީލް ކުރައްވާ ޕީއެންސީގެ މެންބަރުންނާއެކު ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވަނީ އެކަމުގެ ތަފްސީލު ހިއްސާ ކުރައްވާފައެވެ.
ފަލާހު ވިދާޅުވީ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަން އަންނާނެ ގޮތަށް އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އަދި ވިދާޅުވީ އެ އިސްލާހުގައި ގާނޫނުގައި ހުރި އެހެން ކަންކަމާ ފުށު އަރާ ވަރަށް ގިނަ ކަންތައްތަކެއް ހުރި ކަމަށެވެ.
އަދި ގޯތި ރަޖިސްޓްރީކުރި އިރު ގޯތި ހުރި ތަނެއް ވެސް ނޭނގޭ ކަމަށާ ގިނަ ގޯތި ދީފަ ހުރީ އޭރު ނުހިއްކާ ހުރި ބިންތަކުން ކަމަށެވެ.
ފަލާހުގެ އިތުރުން ދެން ވާހަކަދެއްކެވި މެންބަރުން ވެސް ވަނީ ކުރިން އޮތް ބިލަކީ ބޭނުމެއް ނެތް ބިލެއް ކަމަށް ވިދާޅުވެފައެވެ.
އަދި ގޯތި ޔަގީންކޮށްދިނުމަށް ބިމުގެ ބިލުގެ ނަމުގައި ސަރުކާރުން ފޮނުވި ބިލުން މުޅި މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެ މެންބަރުން ވެސް ވިދާޅުވިއެވެ.
އެ ބިލު ފާސްކޮށްފައި ވަނީ 19 ވަނަ މަޖިލީހުގައި އޮތް އެމްޑީޕީގެ އަޣުލަބިއްޔަތުން ފާއިތުވި އޭޕްރީލް މަހުގެ 29 ވަނަ ދުވަހުގައެވެ.
ނަމަވެސް ޖެހިގެން އައި މެއި މަހުގެ 16 ވަނަ ދުވަހު ބިމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވާލެއްވިއެވެ.
ރައީސް އޮފީހުން ބުނީ ބިމާ ބެހޭ ގާނޫނަށް ނުވަ ވަނަ އިސްލާހު ގެނައުމުގެ ބިލާ މެދު އަލުން ވިސްނާވަޑައިގަތުމަށް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގައި އެދިވަޑައިގަންނަވާ ކަމަށެވެ.



