މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ 19 އިންސައްތައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 300,977 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 263,599 ފަތުރުވެރިންނެވެ. މުޅި މިދިޔަ އަހަރު އެ ޤައުމުން ރާއްޖެއަށް 329,428 ފަތުރުވެރިން އައިސްފައިވާއިރު، ޗައިނާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ލިސްޓުގެ ދެވަނައިގައި އޮތީ ރަޝިއާއެވެ. އެ ޤައުމުން ރާއްޖެއަށް 229,236 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން ވަނީ 119,968 ފަތުރުވެރިން އައިސްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ނިމިދިޔަ ސެޕްޓެންބަރު މަހު އެކަނިވެސް ރާއްޖެއަށް 150,764 ފަތުރުވެރިން އައިސްފައިވާ އިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު މިހާރު ވަނީ 1.6 މިލިއަން ހުރަސްކޮށްފައެވެ.
މިއަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަކީ 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އައި ލޮޅުންތަކުގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ކޮށްފައިވި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ވިދާޅުވެފައެވެ.
ވަޒީރު ވިދާޅުވީ، މި ކުރެވުނު މަސައްކަތްތަކުގެ ކާމިޔާބީ އަހަރުގެ ފަހު ކުއާޓަރުގައި ބޮޑުތަނުން ފެނިގެންދާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.
އަދި މި ފެށޭ ފަތުރުވެރިކަމުގެ ސީޒަނާ ދިމާކޮށް އިތުރު 7 އެއާލައިނެއްގެ ދަތުރުތައް ރާއްޖެއަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.


