މާލޭގެ ބޮޑުތަކުރުފާނު މަގުގައި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 9 އުޅަނދެއް ވަނީ މަގުމަތިން ނަގާފައެވެ. އަދި ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ކުރަމުންދާ މި މަސައްކަތް މިރޭވެސް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މަސައްކަތް މިހާތަނަށް މައިގަނޑު ގޮތެއްގައި ކުރިއަށް ގެންގޮސްފައިވަނީ މާލޭގެ ބާޒާރުމަތީ ސަރަޙައްދުގައެވެ. އެ ސަރަޙައްދަކީ މަގު ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ދާދިފަހުން މަގު ފުޅާކޮށް، ތާރު އަޅައިގެން ތަރައްޤީކޮށްފައިވާ ސަރަޙައްދެކެވެ. ނަމަވެސް ފަހަކަށް އައިސް އެ މަގުގެ ދެފަރާތުގައި އުޅަނދުތައް ޕާކުކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، ދުއްވާ އެއްޗެއްސަށާއި އެ ސަރަޙައްދުން ޚިދުމަތް ހޯދާ އާންމު ރައްޔިތުންނަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ.
މަގުމަތީގެ ތަރުތީބު ހިފެހެއްޓުމުގެ ގޮތުން، މަގުމަތީގައި ޤަވާއިދާ ޚިލާފަށް އުޅަނދު ޕާކު ނުކުރުމަށާއި، މިހާރުވެސް އެގޮތަށް ޕާކުކޮށްފައިވާ އުޅަނދުތައް ނެގުމަށް ފުލުހުން ވަނީ އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.
މާލޭގެ އިތުރުން، ހުޅުމާލޭގައިވެސް މިގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ.



