އާބާދީގެ ސިއްޙީ ހާލަތާއި ގުޅުންހުރި އެންމެ ފަހުގެ މައުލޫމާތާއި ތަފާސްހިސާބުތައް ދެނެގަތުމަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ”މަލްޓިޕްލް އިންޑިކޭޓަރ ކަލަސްޓަރ ސާރވޭ (މިކްސް)“ އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާކަމަށް ހެލްތު މިނިސްޓަރު ޤީލާ އަލީ ވިދާޅުވެއްޖެއެވެ.
މިއީ ބައިނަލްއަޤްވާމީ ފެންވަރެއްގައި، އާބާދީގެ ޞިއްޙީ ހާލަތާއި ކުޑަކުދިންގެ ރައްކާތެރިކަމާއި ތައުލީމު ހިމެނޭހެން 100 އަށްވުރެ ގިނަ މިންގަނޑުތަކަށް މައުލޫމާތު އެއްކުރެވޭނެ ދިރާސާއެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޤީލާ ވިދާޅުވީ، އެ ސަރވޭ ކުރިއަށް ގެންދިޔުމަށް ބޭނުންކުރާނެ ސުވާލުތަކާއި ރަށްތަކާއި މީހުން ކަނޑައެޅުންފަދަ މުހިއްމު މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެ ސަރވޭ ކުރިއަށްގެންދިޔުމަށް ބޮޑު ހޭދައެއް ކުރަން ޖެހޭއިރު، އެ މަސައްކަތަށް ދަޢުލަތުގެ ބަޖެޓުންނާއި ޔުނިސެފާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ އެހީ ލިބޭނެކަން ފާހަގަކުރައްވައި، ސަރވޭއަށް ދަޢުލަތުގެ ބަޖެޓުން 150 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް އަންދާޒާ ކުރެވޭކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
”ސިއްޙީ ގިނަ މައްސަލަތަކަށް އަމާޒުކުރާނެ. ނަފްސާނީ މަޢުލޫމާތުތައް ހިމެނޭނެ. އާބާދީއެއްގެ ތެރޭގައި ހުރި މައްސަލަތައް ދެނެގަނެވޭނެ. މިސަރވޭއިން އިތުރަށް ބަލީގެ ނިސްބަތް ދެނެގަނެވޭނެ. އަންނަ އަހަރުގެ މެދެއްހާ ތަނުގައި ރިޕޯޓް ނިންމާ އާންމުކުރެވޭނެ“ މިނިސްޓަރު ވިދާޅުވިއެވެ.
ޔުނިސެފްގެ އެހީއާއެކު ކުރިއަށްގެންދާ މި ދިރާސާގެ މުހިއްމު އެއް ބޭނުމަކީ ރާއްޖޭގެ ދުރުރާސްތާ ޕްލޭންއާއި ސިޔާސަތުތަކަށް ބޭނުންވާ މައުލޫމާތާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭ މިންވަރު ބެލެހެއްޓުމަށް ބޭނުންވާ ތަފާސްހިސާބުތައް އަދާހަމަކުރުމެވެ. މީގެ ކުރިން ރާއްޖޭގައި މިކްސް ސާރވޭ ހަދާފައިވަނީ 1996 އަދި 2001 ގައެވެ. އަދި އެންމެ ފަހުން ރާއްޖޭގައި ޤައުމީ ފެންވަރެއްގައި ސިއްޙީ ދިރާސާއެއްގެ ގޮތުގައި ”ޑިމޮގްރަފިކް ހެލްތު ސާރވޭ“ ކޮށްފައިވަނީ 2016-2017 ގައެވެ.
މިފަދަ ދިރާސާތަކަކީ ކޮންމެ 5 އަހަރަކުން ކުރާ ދިރާސާތަކެއް ނަމަވެސް، 2022 އިން 2024 އަށް ޑިމޮގްރެފިކް ހެލްތު ސާރވޭ ހެދުމަށް ބަޖެޓް ހޯދުމުގައި ދަތިތަކެއް ވަނީ ދިމާވެފައެވެ.
އަދި 2025 ވަނަ އަހަރު ބައިނަލްއަޤްވާމީ ޑިމޮގްރަފިކް ހެލްތު ސާރވޭ ޕްރޮގްރާމް ހުއްޓުމަކަށް އައިސްފައިވާތީ، މިފަހަރުގެ ”މިކްސް ސާރވޭ“ގައި މެންޓަލް ހެލްތު، ބޯފެނުގެ ކޮލިޓީ އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ”މައިކްރޮނުއިޓްރިއެންޓް ސާރވޭ“ ހިމަނައިގެން އެއް ސާރވޭއެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.




