މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާ ގޮތަށް ތަކުރާރުކޮށް އުޅަނދު ދުއްވާ މީހުންގެ ވަނަވަރު އާންމު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާ ގުޅޭ ގޮތުން މިއަދު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުށް ތަކުރާރުކުރާ މީހުންގެ ވަނަވަރު ދެން އާންމުކުރާނެ ކަމަށެވެ. އަދި އެފަދަ ނުރައްކާތެރި އަމަލުތަކާ ގުޅިގެން އާންމުން ހިއްސާކުރާ ފޮޓޯ އާއި ވީޑިއޯތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު، ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް ވެސް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ބިރުވެރިކޮށް ޒިގްޒެގްކޮށް ދުއްވާ މީހުންނާއި، ވެހިކަލަށް ބަދަލުތައް ގެނެސްގެން އަޑުގަދަކޮށް ދުއްވާ މީހުންނާއި، ހަރު ބިންމަތީގައި ގާނަމުން ދުއްވާ މީހުންގެ އިތުރުން ދުވެލި މަތަކުރުމަށް އަޅާފައިވާ ތަންތަނަށް މަޑުނުކޮށް ބާރަށް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެއެވެ. މީގެއިތުރުން ހުއްދަނެތި ރޭސް ޖެހުމާއި، ހުނަރު ދައްކަން ދުއްވުމާއި، ނުރައްކާތެރިކޮށް އޯވަޓޭކް ކުރުމާއި، މަސްތުގެ ހާލަތުގައި ދުއްވުމުގެ އިތުރުން ފުލުހުން އެންގުމުން މަޑުނުކޮށް ފިލަން މަސައްކަތްކުރާ މީހުންނާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ބަޔާނުގައިވެއެވެ.
ނުރައްކާތެރިކޮށް ދުއްވާ ވެހިކަލްތައް ހޯދައި، އެ ދުއްވި މީހާގެ އިތުރުން އޭގެ ވެރިފަރާތާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މިފަދަ އަމަލުތައް ހިންގާ ވެހިކަލްތައް 30 ދުވަހުގެ މުއްދަތަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެ ވެހިކަލާ ހަވާލުނުވެއްޖެ ނަމަ ނައްތައިލާނެ ކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މީގެއިތުރުން، ނުރައްކާތެރިކޮށް ދުއްވާ މައްސަލަތަކުގައި ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުން ޝާމިލުވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެހެންކަމުން އެފަދަ ފަރާތްތަކާ މެދު އިދާރީ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކާ މައުލޫމާތު ހިއްސާކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އަދި ޓްރެފިކް ގާނޫނުގެ ދަށުން ޖޫރިމަނާ ކުރުމުގެ އިތުރަށް، އެއްވެސް އިންޒާރަކާ ނުލައި އެފަދަ އަމަލުތައް ތަކުރާރުކުރާ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ވެސް ހިންގާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



