ރާއްޖޭގެ މުޅި ތާރީހުގައިވެސް އެންމެ ގިނައިން ޒަކާތް ދައްކާފައިވަނީ މިއަހަރު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ ހަރުދަނާ އުޞޫލުތަކެއްގެ މައްޗަށް އާރާސްތުކުރެވިފައިވާ އަދި ޤާނޫނަކުން ރައްކާތެރިކަން ލިބިފައިވާ ނިޒާމެއް ކަމަށެވެ. އަދި ޒަކާތު ފައިސާ ބަލަހައްޓަމުންދަނީ މަރުކަޒީ ބޭންކުން ކަމަށާއި، މި ފައިސާ ހޭދަކުރެވެނީ އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތިން ޢާއްމުކޮށްފައިވާ ޝަރީޢާ ގައިޑްލައިނާ އެއްގޮތަށް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ ޒަކާތުގެ ފައިސާ ޚަރަދުކުރެވެމުންދާ ގޮތް މަހުން މަހަށް ޢާއްމުކޮށް ހާމަކުރަމުންދާ ކަމަށާއި، މި ކަންކަމުގައި ޒަކާތު ކައުންސިލާއި ޝަރީޢާ ކޮމިޓީގެ ލަފާ ހޯދަމުންދާ ކަމަށެވެ.
”މި ދިޔަ ދެ އަހަރަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަށް ވަރަށް ހެޔޮ ބަދަލުތަކެއް ގެނެވުނު ދެ އަހަރު. ތާރީޚީ ގޮތުން އެންމެ ގިނައިން ޒަކާތް ލިބުނު ދެ އަހަރު. އަދި މި އަހަރަކީ ދިވެހިރާއްޖޭގެ މުޅި ތާރީޚުގައި އެންމެ ގިނައިން ޒަކާތް ދެއްކި އަހަރު،“ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ފަޤީރުންގެ ދަފުތަރުގައި ޖެހިފައިވާ ފަރާތްތަކަށް އެންމެ ގިނައިން ހޭދަކުރެވުނީ ވެސް މި ދެ އަހަރު ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެގޮތުން ފަޤީރުންނަށް މާލީ އެހީތެރިކަން ދިނުމުގެ އިތުރުން އެފަރާތްތަކުގެ ތައުލީމާއި ޞިއްޙަތަށް ވެސް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މިދިޔަ ދެ އަހަރުގެ ތެރޭގަ އެވެ.
ހަމައެއާއެކު، މިއީ ޝަރީޢާ ހުއްދަކުރާ މަގުން ޒަކާތު ފަންޑު އިތުރުކުރަން ގިނަ މަސައްކަތްތަކެއް ފެށުނު ދެ އަހަރު ކަމަށާއި، ޒަކާތަށް ވަކި އިދާރާއެއް ޤާއިމުކުރެވި މަސައްކަތް ކުރަމުންދާތާ ދެ އަހަރު ވަމުންދާކަންވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ނިންމަވާލައްވަމުން މިނިސްޓަރު ވަނީ ޒަކާތުގެ ނިޒާމަށް ރައްޔިތުން ދެއްވާ އިތުބާރަށް ޝުކުރު އަދާކުރައްވައި، ޤާނޫނަކުން މި ނިޒާމު ތަރައްޤީކޮށްދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޝުކުރު ދަންނަވާފައެވެ.


