ވިލިމާލެ ޕޮލިހުން ބޭއްވި ”އިސްރަށްވެހިންގެ އުފާ“ ހަރަކާތުގައި އައިކެއާ ހޮސްޕިޓަލުން އިސްރަށްވެހިންނަށް ޚާއްސަކޮށްގެން ލޮލުގެ ސްކްރީނިން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
ބައިނަލްއަޤްވާމީ އުމުރުންދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވިލިމާލެ ޕޮލިހުން އިންތިޒާމު ކޮށްގެން ހުކުރު ދުވަހު ބޭއްވި މި ހަވީރަކީ އުމުރުން ދުވަސްވީ މީހުންގެ އަގުވަޒަންކޮށް، އެމީހުންގެ ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤްޞަދުގައި ބޭއްވި ހަރަކާތެކެވެ.
މި ހަރަކާތުގައި އައިކެއާގެ ޓީމުން ވަނީ ވިލިމާލޭގެ އިސްރަށްވެހިންގެ ލޮލުގެ ޓެސްޓުތައް ހަދައިދީފައެވެ.
މި ޕްރޮގްރާމުގެ ތެރެއިން އުމުރުން ދުވަސްވީ މީހުން ޤަވާއިދުން ލޯ ޗެކްކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. ލޮލުގެ ފެނުން ދުޅަހެޔޮކަންމަތީ ދެމެހެއްޓުމަކީ ދުވަސްވީ މީހުން އަމިއްލައަށް ދިރިއުޅުމުގެ ކަންކަން ކުރުމަށާއި، އާއިލާއާއެކު އުފާވެރި ވަގުތުތައް ހޭދަކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އައިކެއާއިން ފާހަގަކުރެއެވެ.
އުމުރުން ދުވަސްވާއިރު ކެޓަރެކްޓް (ލޮލަށް ފުސްއެރުން)، ގްލައުކޯމާ (ލޮލުގެ ޕްރެޝަރު މަތިވުން) އަދި އޭއެމްޑީ ފަދަ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެއެވެ. ޚާއްސަކޮށް ހަކުރުބަލި ހުންނަ ފަރާތްތަކުން ލޮލުގެ ސިއްހަތަށް ސަމާލުކަން ދޭންޖެހޭއިރު، ބައެއް ބަލިތަކަކީ ކުރީކޮޅުގައި އަލާމާތެއް ނުފެނި އަވަހަށް ބޮޑުވަރުވާ ބަލިތަކަށްވާތީ، ފެނުމަށް ބަދަލެއް ނައި ނަމަވެސް ޤަވާއިދުން ޓެސްޓު ހެދުމަށް ވަނީ އިރުޝާދު ދީފައެވެ.
އައިކެއާއިން ބުނީ މިފަދަ އިޖުތިމާޢީ ބައިވެރިވުންތަކުގެ ޒަރީއާއިން ލޮލުގެ ސިއްހަތާ މެދު ހޭލުންތެރިކަން އިތުރުކުރުމަށާއި، ކޮންމެ އުމުރުފުރާއެއްގެ މީހަކަށްވެސް ދުޅަހެޔޮ ފެނުމެއް ހޯދައިދިނުމަށް އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ.



