އެއްވެސް ލިމިޓެއް ނެތި އަމިއްލަ އުޅަނދުތަކުގައި ގައު ކުނޑި އުކާލުމުގެ އިންތިޒާމް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ހަމަޖައްސައިފިއެވެ.
ވެމްކޯއިން ހާމަކުރި ގޮތުގައި، މާލެ އަދި ހުޅުމާލޭގައި އެ ކުންފުނިން ދެމުންގެންދާ ގައުކުނޑި އުކާލުމުގެ ޚިދުމަތް މިހާރަށްވުރެ އަވަސް އަދި ފަސޭހަ ނިޒާމަކުން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި، މިއަދުން ފެށިގެން އެއްވެސް ލިމިޓެއްނެތި އަމިއްލަ އުޅަނދުތަކުގައި މާލެ އަދި ހުޅުމާލޭގައި ހުންނަ ވެމްކޯގެ ރިސޯސް ރިކަވަރީ ސެންޓަރަށް ގެނެސް ކުނި އުކާލެވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
މީގެއިތުރުން، އުކާލަން ގެންނަ ކުނި ހުންނަންވާނީ އެ ކުންފުނިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވަކިކޮށްފައި ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ.
މީގެ ދުވަސްކޮޅެއް ކުރިން ގައު ކުނޑި އުކާލުމުގައި ދަތިތަކެއް ހުރިކަމުގެ ކަންބޮޑުވުންތަކެއް ވަނީ ފެންމަތިވެފައެވެ. ވެމްކޯއިން މީގެކުރިން މި ޚިދުމަތް ދެމުން ދިޔައީ އެ ކުންފުނީގެ ވެހިކަލްތަކުގެ ކެޕޭސިޓީ ހުރި މިންވަރަށް ބަލައި، ކޮންމެ ދުވަހަކުވެސް ވަކި މިންވަރަކަށް (ލިމިޓެއްގަ) އެވެ.
އެއްވެސް ލިމިޓެއްނެތި އަމިއްލަ އުޅަނދުތަކުގައި ގައު ކުނޑި އުކާލުމުގެ އިންތިޒާމް ހަމަޖައްސާފައިވާއިރު، އެ މަސައްކަތަށް ޚާއްސަ ކޮޅުވެއްޓިތަކެއްވެސް ވެމްކޯއިން މިހާރު ވަނީ ހަމަޖައްސާފައެވެ.



