ށ. ނަރުދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް އެ ރަށުގައި ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު ޤީލާ ޢަލީއެވެ.
ނަރުދޫގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު، މިނިސްޓަރު ވަނީ އެތަނުގެ މަސައްކަތްތައް ބައްލަވާލައްވައި، ނަރުދޫ ޞިއްޙީ މަރުކަޒުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ އިސްވެރިންނާއި، ނަރުދޫ ކައުންސިލްގެ އިސްވެރިން އަދި ޞިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. އެގޮތުން ލެބޯޓަރީގެ ޚިދުމަތް ނެތް 76 ރަށެއްގައި މި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ބާރު ސްޕީޑުގައި ކުރިއަށްގެންދާއިރު، ނަރުދޫގެ މި ލެބޯޓަރީއަކީ މި ސަރުކާރުން އަތޮޅުތަކުގައި ހުޅުވި 21 ވަނަ ލެބޯޓަރީއެވެ.



