މަގުމަތީގައި އުޅޭ ބުޅަލުގެ އާބާދީ އިތުރުވަމުންދާ މައްސަލައަށް ހައްލެއް ހޯދުމަށާއި، އާންމު ސަރަހައްދުތަކުގެ ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ”ޕްރޮޖެކްޓް ބައުކަލޯ: ރައްކާތެރި، ސާފުތާހިރު އަދި އޯގާތެރި މުޖުތަމައެއް“ މިއަދު ހުޅުމާލޭގައި ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
މިއީ ފިޝަރީޒް މިނިސްޓަރީއާއި، ޖަނަވާރުންގެ ހިމާޔަތުގައި މަސައްކަތްކުރާ ފަރާތްތަކާއި، އިޖުތިމާއީ ޖަމިއްޔާތައް ގުޅިގެން ކުރިއަށްގެންދާ ގައުމީ ފެންވަރުގެ މަޝްރޫއެކެވެ.
މި މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ބުޅަލާމެދު މުޖުތަމައުގައި ދެކޭ ގޮތް ވަރަށް ބޮޑަށް ބަދަލުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
”އަޅުގަނޑުމެން މި އުންމީދުކުރަނީ އެންމެން ގުޅިގެން މި ކުރެވޭ މަސައްކަތްތަކާއެކު ދިވެހިރާއްޖޭގައި ބުޅާލާ ދޭތެރޭގައި މީހުން މިދެކޭ ގޮތް ބަދަލުކުރެވޭ ކަމަށް. މި ސަބްޖެކްޓުގައި ކޮމިއުނިޓީގެ ވިސްނުން، ބުޅަލަށް ބޭނުންވާ ޝެލްޓާޔާއި ބުޅާލަށް ބޭނުންވާ ކެއާރ ދޭން ހެދިފަ ހުރި މުއައްސަސާތައް، އަދި އަޅުގަނޑުމެން ވުޒާރާގައިވެސް ވެޓިނަރީއެއް އެބަ އޮތް ބުޅަލުގެ ޝެލްޓާއެއް އޮޅުހިޔާ ހާލަތު އިމްޕްރޫވްކުރުމަށްޓަކައި ވަރަށް މުހިންމު މަސައްކަތެއް މި ކުރެވެނީ،“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ހުޅުމާލޭގައި ފެށި މި ފުރަތަމަ މަރުހަލާގެ މައިގަނޑު މަގުސަދަކީ މުޅި ރާއްޖެއަށް ފުޅާކުރެވޭނެ ފަދަ ނަމޫނާ ނިޒާމެއް ބިނާކުރުން ކަމަށެވެ. އަދި ބުޅަލުގެ ވެލްފެއާ އާއި ސާފުތާހިރުކަން ދެމެހެއްޓުމާއި، އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް އިންސާނީ އުސޫލުތަކުގެ ތެރެއިން މަގުމަތީ ބުޅަލުގެ އާބާދީ ކޮންޓްރޯލްކުރުމަކީ މި މަޝްރޫއުގެ މުހިންމު އަމާޒެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ޕައިލެޓް މަޝްރޫއުގެ ދަށުން ”ޓްރެޕް-ނިއުޓާ-ރިޓާން“ (ޓީއެންއާރް) ޕްރޮގްރާމެއް މެދުވެރިކޮށް ބުޅާ ދަރިމައިވުން ހުއްޓުވުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެއިތުރުން، ވެޓެރިނަރީ ފަރުވާ ދިނުމާއި، ޒިންމާދާރުކަމާއެކު ކާނާ ދިނުމާއި، ބުޅާ އެޑޮޕްޓްކުރުމަށް ބާރުއެޅުމުގެ އިތުރުން އިޖުތިމާއީ ހޭލުންތެރިކަން އިތުރުކުރުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޖަނަވާރުންގެ ހިމާޔަތާއި ރައްކާތެރިކަމަކީ މި ސަރުކާރުން ހާއްސަ އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ 2024 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައިވެސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ”ޖަނަވާރުންގެ ހިމާޔަތާއި ރައްކާތެރިކަމުގެ ބިލު“ 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު މަޖިލީހުން ފާސްކޮށް، 3 ޑިސެމްބަރު 2025 ގައި ވަނީ ތަސްދީގުކުރައްވާފައެވެ.
މި ގާނޫނުގެ ދަށުން ޖަނަވާރުންގެ ވެލްފެއާ އާއި ގުޅުންހުރި ގައުމީ އޮނިގަނޑެއް މިހާރު ވަނީ އެކުލަވާލެވިފައެވެ.



