ށ. ނޫމަރާ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
އެރަށުގައި މި ޚިދުމަތް ފައްޓަވައިދެއްވީ، ހެލްތު މިނިސްޓަރު ޤީލާ ޢަލީއެވެ.
ނޫމަރާ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފެށުމަށްޓަކައި އެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި، ހެލްތު މިނިސްޓަރު ޤީލާ ޢަލީގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސްވެރިންނާއި، ނޫމަރާ ކައުންސިލްގެ އިސްވެރިން އަދި ޞިއްޙީ މަރުކަޒުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ލެބޯޓަރީ ހުޅުވައިދެއްވުމަށްފަހު، މިނިސްޓަރު ވަނީ އެތަނުގެ ވަސީލަތްތައް ބައްލަވާލައްވައި، ޞިއްޙީ މަރުކަޒުގެ މުވައްޒަފުންނާއި އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

ށ. ނޫމަރާގެ ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ނޫމަރާއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވަނީ ވިދާޅުވެފައެވެ. އެ ބައްދަލުކުރެއްވުމުގައި ޞިއްޙީ ދާއިރާއަކީ މުހިންމު ދާއިރާއެއްކަން ފާހަގަކުރައްވައި، ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމަށާއި ވަސީލަތްތައް އިތުރުކުރުމަށް ސަރުކާރުން އިސްކަންދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގައި ތިބެގެން ހަދަންޖެހޭ ޓެސްޓުތައް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ލެބޯޓަރީގެ ޚިދުމަތް ނޫމަރާގައި ޤާއިމުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ރިޔާސީ ވަޢުދުފުޅެކެވެ. މިހާތަނަށް މިފަދަ ޚިދުމަތެއް ލިބެން ނެތް 76 ރަށެއްގައި ލެބޯޓަރީ ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ބާރު ސްޕީޑެއްގައި ކުރިއަށް ގެންދަމުންނެވެ.
ނޫމަރާގައި މިއަދު މި ހުޅުވުނު ލެބޯޓަރީއަކީ މި ސަރުކާރުން އަތޮޅުތަކުގައި ހުޅުވި 22 ވަނަ ލެބޯޓަރީއެވެ.



