މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުއަކީ އިިންޤިލާބީ ބަދަލެއްކަމަށާއި، ޚިދުމަތުގެ ނިޒާމު ބަދަލުވެގެންދާނީ އެންމެ ކުރިއަރާފައިވާ ނިޒާމަކަށްކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، (އެމްޕީއެލް) ގެ ސީސީއޯ ޙަސަން ޝަފީޤް ވިދާޅުވެއްޖެއެވެ.
އެމްޕީއެލްގެ ސީއީއޯ މިހެން ވިދާޅުވީ ދެވަނަ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުންނެވެ.
މިއަހަރުގެ ކޮންފަރެންސްގައި ސަރަޙައްދީ ޤައުމުތަކުގައި ދާއިރާގައި ހަރަކާތްތެރިވާ އިސް ފަރާތްތަކާއި ބައިނަލްއަޤްވާމީ މައިދާނުގައި މި ދާއިރާގެ ފަންނީ ތަޖުރިބާކާރުން ބައިވެރިވެއެވެ.
މެރިޓައިމް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޝަފީޤް ވިދާޅުވީ، ރާއްޖެއަކީ %90 ކަނޑު އޮތް ޤައުމަކަށްވުމާއެކު، މެރިޓައިމް ދާއިރާއަކީ ރާއްޖެއަށް ވަރަށް މުހިންމު ސިނާޢަތެއްކަމަށެވެ. އަދި ކޮންމެ ދުވަހަކު ދޭ ޚިދުމަތުގެ އިތުރުން، މި ދާއިރާ ކުރިއެރުވުމަށް ގުޅިގެން މަސައްކަތްކުރުމަކީ ރާއްޖެފަދަ ޤައުމަކުން އިސްނަގަންޖެހޭ ކަމެއްކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
ޝަފީޤް ވިދާޅުވީ މިފަދަ ބޮޑު ސިނާޢަތެއް ކުރިއެރުވުމުގެ އެންމެ މުހިންމު އަސާސަކީ، ހުނަރާ ތަޖުރިބާ ލިބިފައިވާ މުވައްޒަފުންކަމަށެވެ. އެހެންކަމުން އެކުންފުނިން އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމަކީ މި ދާއިރާއިން އިންސާނީ ވަސީލަތް ތަރައްޤީކުރުންކަމަށެވެ. އަދި ކުންފުނީގެ ޢަމާޒަކީ، ކޮންމެ މުވައްޒަފަކީ އެމީހަކު މަސައްކަތްކުރާ ދާއިރާއިން އެކަށިގެންވާ ހުނަރާއި ތަމްރީން ދެވިފައިވާ މީހުންނަށް ހެދުންކަމަށެވެ.
މީގެއިތުރުން ޝަފީޤް ވިދާޅުވީ ރާއްޖޭގެ ޕޯޓު ޚިދުމަތުގައި، މިއަދު މި ދެކެނީ އެންމެ ބޮޑު ބަދަލުގެ ދުވަސްތައްކަމަށެވެ. މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުއަކީ، ތާރީޚީ ބަދަލަކަށްވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
”މި ތަރައްޤީއާއެކު، ބަދަލުވެގެންދާނީ ޒަމާނީ ޚިދުމަތުގެ ނިޒާމަކަށް. ކާގޯ ހޭންޑްލިން ކެޕޭސިޓީ އިތުރުވާއިރު، ޚިދުމަތުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް އަންނާނެ. ޚާއްސަކޮށް ސަރުކާރުގެ 2.0 ނިޒާމާއެކު، އޭ.އައި އާއި ޒަމާނީ ޓެކްނޮލޮޖީއާއެކު ޚިދުމަތްތަކުގެ ބެލެހެއްޓުން ހަރުދަނާވެ ޚިދުމަތްތައް އަވަސްވާނެ“ އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.



