މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 22 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައި ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި އަހަރުގެ މިހާތަނަށް މުޅި ޖުމްލަ 1.6 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް އައިސްފައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1،628،419 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 1،684،735 ފަތުރުވެރިންނާ އަޅާބަލާއިރު 3.3 އިންސައްތައިގެ ދަށްވުމެކެވެ. މީގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ކަމަށްވާ 1،158،404 މީހުން ޗުއްޓީ ހޭދަކުރީ ރިސޯޓުތަކުގައެވެ. އަދި 345،220 ފަތުރުވެރިން ގެސްޓްހައުސްތަކުގައި، 36،106 ފަތުރުވެރިން ހޮޓެލްތަކުގައި އަދި 29،679 ފަތުރުވެރިން ސަފާރީތަކުގައި ޗުއްޓީ ހޭދަކޮށްފައިވެއެވެ.
ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން ގެސްޓްހައުސްތަކުގައި އެންމެ ގިނައިން ޗުއްޓީ ހޭދަކޮށްފައިވަނީ ޗައިނާގެ ފަތުރުވެރިންނެވެ. ޗައިނާއަކީ މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމުވެސް މެއެވެ. ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރި 300،977 ފަތުރުވެރިންގެ ތެރެއިން 27.4 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. ދެވަނައަށް އެންމެ ގިނައިން ގެސްޓްހައުސްތައް ޚިޔާރުކޮށްފައިވަނީ އިޓަލީވިލާތުގެ ފަތުރުވެރިންނެވެ. އިޓަލީން ޒިޔާރަތްކުރި 98،039 ފަތުރުވެރިންގެ ތެރެއިން 13.5 އިންސައްތަ ފަތުރުވެރިން ވަނީ ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައެވެ.
ރާއްޖޭގައި މިވަގުތު 927 ގެސްޓްހައުސްއެއް ހިންގަމުން އަންނައިރު، މި ތަންތަނުގެ ޖުމްލަ އެނދުގެ އަދަދު 16،810 އަށް އަރައެވެ. މިއީ ރާއްޖޭގެ މުޅި ބެޑް ކެޕޭސިޓީގެ 25 އިންސައްތައެވެ.
ގެސްޓްހައުސްތަކުގެ އެނދުގެ އަދަދަށް ބަލާއިރު އެންމެ ގިނަ އެނދު އޮޕަރޭޝަނުގައި ހުރީ ކ. އަތޮޅުގައެވެ. އެއީ 7،962 އެނދެވެ. ދެވަނައަށް އެންމެ ގިނަ އެނދު ނެރެފައިވަނީ އއ. އަތޮޅުންނެވެ. އެއީ 2،228 އެނދެވެ.



