ނ. މަނަދޫ ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމް ހަރުކުރުމުގެ މަސައްކަތް އެމްޓީސީސީ އާ މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ނަވީޒްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދެވެ.
މި މަޝްރޫޢަކީ 2.2 މިލިއަން ރުފިޔާއަށް 120 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަސައްކަތުގެ ދަށުން، ލައިޓިން ސިސްޓަމް ގާއިމުކުރުމަށްޓަކައި ބިންގަނޑު ކޮނުމާއި، ކޮންކްރީޓް މަސައްކަތާއި، ވެލްޑިންގ އަދި ކަރަންޓު ވަޔަރިންގެ އެންމެހައި މަސައްކަތްތައް ކުރިއަށްދާނެއެވެ.
ނ. އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށްވާ މަނަދޫއަކީ 3,000 މީހުންގެ އާބާދީއެއް އޮންނަ، އަތޮޅުގެ އެހެން ރަށްރަށުގެ ރައްޔިތުންވެސް އެކި ޚިދުމަތްތައް ހޯދުމަށް ބަރޯސާވާ މައި ރަށެވެ. އެގޮތުން އަތޮޅު ފެންވަރުގެ ކުޅިވަރު މުބާރާތްތައްވެސް އެ ރަށުގައި ބާއްވަމުން އަންނައިރު، ފުޓްބޯޅަ ދަނޑުގައި ލައިޓިން ސިސްޓަމެއް ގާއިމުކުރެވުމާއެކު ރަށުގެ ޒުވާނުންނަށް ރޭގަނޑުވެސް ކުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި އިޖުތިމާޢީ ވަސީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އެމްޓީސީސީން އަންނަނީ ވޭތުވެދިޔަ 45 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ހިންގަމުންނެވެ.


