އައްޑޫގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލައިގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދަނިކޮށް ޕެރޯލްގެ ދަށުން ދޫކޮށްލި ޢަބްދުﷲ އިބްރާހިމް އަލުން ހައްޔަރުކޮށް، އޭނާ ދޫކޮށްލަން ނިންމި ޕެރޯލް ބޯޑުގެ ހަ މެންބަރުން މަގާމުން ވަކިކޮށްފިއެވެ.
ހޯމް މިނިސްޓަރު ޢަލީ އިޙްސާން ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ، ޢަބްދުﷲ އިބްރާހިމް ޕެރޯލްގެ ދަށުން މިދިޔަ މަހުގެ 29 ގައި ދޫކޮށްލާފައިވަނީ ޤާނޫނާ ޚިލާފަށް އަދި ސިޔާސަތުތަކާވެސް ޚިލާފަށް ކަމަށެވެ.
އެގޮތުން ޕެރޯލްގެ ދަށުން އޭނާ ދޫކޮށްލަން ނިންމި ބޯޑުގެ 6 މެންބަރުން މިހާރު ވަކިކޮށްފައިވާ ކަމަށާއި، އަލުން ބޯޑަށް މެންބަރުން އައްޔަންކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއަށް 98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލަ ސާބިތުވެ ޢަބްދުﷲ އިބްރާހިމްގެ މައްޗަށް ހުކުމް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 19 ގައެވެ. އޭނާގެ މައްޗަށް 2 ޤަޟިއްޔާއެއްގެ ދަށުން 12 އަހަރާއި 6 މަސް ދުވަހުގެ 3 ހުކުމް އިއްވާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއެކު ހެދި އިޢުތިރާފުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލުމާ ގުޅިގެން އާންމުންގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިގެން ދިޔައެވެ.
މި މައްސަލައާ ގުޅިގެން މިނިސްޓަރު އިޙްސާން ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން އޭނާ ދޫކޮށްލާފައިވަނީ ގަސްތުގައި ކަމަށް ބެލެވެން ނެތް ކަމަށާއި، އެކަން ހިނގާފައިވަނީ ހުކުމާ ގުޅިގެން އެރި އޮޅުމެއްގެ ތެރެއިން ކަމަށެވެ.
ޤާނޫނީ ލަފާ ހޯއްދެވުމަށްފަހު އެ ނިންމުން ބަދަލުކުރަން އެންގެވުމުން، އަންގާރަ ދުވަހު ޢަބްދުﷲ އިބްރާހިމް ވަނީ އަލުން ބަންދަށް ގެންގޮސްފައެވެ. މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުގެ މަސްތުވާތަކެއްޗާ ގުޅޭ ސިޔާސަތު ވަރަށް ސާފެވެ.
އެގޮތުން މަސްތުވާތަކެތި ޓްރެފިކް ކުރާ ފަރާތްތަކަށް މަރުގެ އަދަބު ދެވޭގޮތަށް ޤާނޫނު އިސްލާހުކޮށް، އެފަދަ ކުށްތައް ކުރިން ކޮށްފައިވާ މީހުންނަށް އަދަބު ލުއިނުކުރެވޭގޮތަށް ހަދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.



