ހެޔޮވެރިކަމެއްގެ ޙަޤީޤީ މިންގަނޑަކީ ހަމައެކަނި މުއައްސަސާތަކުގެ ވަރުގަދަކަން ނޫންކަމަށާއި، އެއީ ރައްޔިތުންގެ ދިރިއުޅުމަށް އެ މުއައްސަސާތަކުން ގެނެސްދޭ ހެޔޮ ބަދަލުތައްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ ޓެންޒޭނިއާގެ އަރުޝާގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ)ގެ 153 ވަނަ އެސެމްބްލީގައި ތަގުރީރުކުރައްވަމުންނެވެ.
މަޖިލީހުގެ ރައީސް ވިދާޅުވީ ޤާނޫނު ހަދާ މަޖިލިސްތަކަކީ މިހާރަށްވުރެ ބޮޑަށް ހުޅުވާލެވިފައިވާ، ޝާމިލު އަދި ރައްޔިތުންގެ އަޑުއަހާ ތަންތަނަށް ވާންޖެހޭ ކަމަށެވެ. އަދި އެ ތަންތަނަކީ ނަތީޖާ ނެރެދޭ ތަންތަނަށް ހެދުމަށާއި، ރައްޔިތުންގެ އިތުބާރު ގާއިމުކުރުމުގައި ދެފުށް ފެންނަ މިންވަރާއި ޖަވާބުދާރީވުން އިތުރުކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މުޖުތަމަޢުތައް ބާރުވެރިކުރުމުގައި މަޢުލޫމާތު ލިބިގަތުމުގެ ފުރުޞަތުތަކާއި ބައިވެރިވުން އިތުރުކުރަންޖެހޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ހެޔޮވެރިކަން ކުރިއެރުވުމަށާއި ޑިމޮކްރަސީ ހަރުދަނާކުރުމަށްޓަކައި، އައިޕީޔޫ މެދުވެރިކޮށް އެހެން ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ. މީގެއިތުރުން އިދާރާތަކުން ރައްޔިތުންނަށް ފުރިހަމައަށް ޖަވާބުދާރީވުމާއި، ހުރިހާ ފަރާތްތަކުގެ ބައިވެރިވުން އަދި ރައްޔިތުންގެ އިތުބާރުގެ މުހިންމުކަމަށް ވެސް އަލިއަޅުއްވައިލެއްވިއެވެ.
މި އަހަރުގެ އެސެމްބްލީގެ ޝިއާރު ކަމުގައިވާ ”އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، އަދި ފުރުޞަތުތައް ފަހިކޮށްދީގެން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމަޢުތައް ބާރުވެރިކުރުވުން“ މި މަޢުޟޫއަށް ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށްޓަކައި ރައްޔިތުންނަށް އިސްކަންދޭ ވެރިކަމުގެ ނިޒާމެއް އޮންނަން ޖެހޭ ކަމަށެވެ.
”ވެރިކަން ހިންގުމާއި މަޖިލިސްތަކުގެ ނިންމުންތައް ނިންމުމަކީ ހެކީގެ މައްޗަށް ބިނާވެފައިވާ އަދި ނަތީޖާ ނެރެވޭ ކަންކަމަށް ވާންޖެހޭ. ސިޔާސަތުތަކާއި ޤާނޫނުތަކުގެ އަގު ވަޒަންކުރެވެންވާނީ ރައްޔިތުންނަށް އެއިން ލިބިދޭ ނަތީޖާތަކުގެ މައްޗަށް ބިނާކޮށް،“ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
ތަގުރީރު ނިންމަވާލައްވަމުން މަޖިލީހުގެ ރައީސް ވަނީ ޤާނޫނު ހަދާ މަޖިލިސްތަކުން ރައްޔިތުންގެ އަޑުއެހުމަށާއި، ސިޔާސަތުތައް ތަންފީޒުކުރެވޭ މިންވަރު ބެލުމުގެ އިތުރުން، ދައުލަތުގެ ވަސީލަތްތައް ޒިންމާދާރުކަމާއެކު ބޭނުންކުރެވޭކަން ކަށަވަރުކުރުމަށް ހުރިހާ މަޖިލިސްތަކަކުން ވެސް އިސްކަންދޭންޖެހޭނެ ކަމަށް ވިދާޅުވެފައެވެ.




