މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފެށި އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން މިހާތަނަށް 653 މީހަކަށް ފިޔަވަޅު އަޅައި، 183 އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ރާއްޖޭގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލި މި ޤާނޫނަށް ޢަމަލުކުރަން ފެށި ފަހުން، މި މަހުގެ 5 ވަނަ ދުވަހާ ހަމައަށް 45 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މަގުމަތީގެ ސަލާމަތްތެރިކަން ދެމެހެއްޓުމަށްޓަކައި މި ޤާނޫނުގައި ވަނީ ނުރައްކާތެރިކޮށް އަދި ޤަވާއިދާ ޚިލާފަށް އުޅަނދު ދުއްވާ ފަރާތްތަކަށް ބޮޑެތި އަދަބުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ފަރުވާކުޑަކޮށް ނުވަތަ ނުރައްކާތެރިކޮށް އުޅަނދު ދުއްވައިފިނަމަ 25,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި އެފަދަ ޢަމަލެއްގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ނުވަތަ މީހަކު މަރުވެއްޖެނަމަ، ޖިނާއީ ދަޢުވާ އުފުލުމުގެ އިތުރުން 5 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާތިލުކުރެވޭނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، ކުޑަކުއްޖަކަށް ނުވަތަ ލައިސަންސް ނެތް މީހަކަށް އުޅަނދުގެ ކޮންޓްރޯލް ދީފިނަމަ 25,000 ރުފިޔާއާއި 50,000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާއެއް ކަނޑައެޅިފައިވާއިރު، އެފަދަ ކަމަކުން މީހަކަށް އަނިޔާއެއް ލިބިއްޖެނަމަ ޖޫރިމަނާ 100,000 ރުފިޔާއާ ހަމައަށް ބޮޑުވެ، 2 އަހަރާއި 5 އަހަރާ ދެމެދުގެ މުއްދަތަކަށް ލައިސަންސް ބާތިލުކުރެވޭނެއެވެ.
އުޅަނދު ދުއްވުމުގެ އަސާސީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކަށްވެސް ހަރުކަށި ފިޔަވަޅުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ރަޖިސްޓްރީ ނުކޮށް އުޅަނދު ދުއްވައިފިނަމަ ދުއްވި މީހާ 10,000 ރުފިޔާއިން އަދި ވެރިފަރާތް 1,000 ރުފިޔާއިން ޖޫރިމަނާކުރާއިރު، ލައިސަންސް ނެތި ދުއްވުމުން ކުރާ ޖޫރިމަނާ ފުރަތަމަ ފަހަރު 1,000 ރުފިޔާއިން ފެށިގެން ތަކުރާރުވާ ކޮންމެ ފަހަރަކު އިތުރުވެ، އުޅަނދު 30 ދުވަހަށް ހިފެހެއްޓުމާއެކު ވެރިފަރާތް 2,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. ހަމައެއާއެކު، ކަނޑައެޅިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވައިފިނަމަ 2,000 ރުފިޔާއިން ފެށިގެން 5,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ތަކުރާރުވާނަމަ ދެގުނައަށް ޖޫރިމަނާ ބޮޑުކުރުމުގެ އިތުރުން 30 ދުވަހަށް އުޅަނދު ހިފެހެއްޓުމުގެ އިޚްތިޔާރު ފުލުހުންނަށް ލިބިގެންވެއެވެ.
މަގުމަތީގެ އާންމު ޤަވާއިދުތަކަށް ބަލާއިރު، ޓްރެފިކް ބައްތިތަކާއި ނިޝާންތަކާ ޚިލާފުވުމުން 1,000 ރުފިޔާއިން ފެށިގެން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ރޯޑްވާދިނަސް އައުނުކޮށް ދުއްވުމުން 1,000 ރުފިޔާ، އަދި އިމަޖެންސީ އުޅަނދުތަކަށް ހުރަސްއެޅުމާއި ކަފިހިހުރަހުން މީހުންނަށް އިސްކަން ނުދިނުމުން 1,500 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. މީގެއިތުރުން އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިއުމާލުކުރުން، ފޯނު ބޭނުންކުރުން، ޕޭވްމަންޓް ފަދަ ހިނގާ ސަރަޙައްދުތަކުގައި ދުއްވުން އަދި އަހަރީ ފީ ނުދައްކައި ދުއްވުން ފަދަ ކަންކަމަށް 750 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައެވެ.
ޤަވާއިދާ ޚިލާފަށް ޕާކުކުރުމުގެ މައްސަލަތަކުގައި އާންމު ޖޫރިމަނާއަކީ 500 ރުފިޔާ ކަމުގައިވީ ނަމަވެސް، މަގުތަކުގެ ކަންމަތިތަކާއި، ސްކޫލުތައް ކައިރިއާއި، ބަސް ހުއްޓިތަކާއި ކަފިހިހުރަސް މަތީގައި ޕާކުކޮށްފިނަމަ 1,500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ޒޯނުތަކުގައި ޕާކުކުރުމުން 2,000 ރުފިޔާގެ ޖޫރިމަނާއެއް އަންނާނެއެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅޭ ފަރާތްތަކުން މަގު ހުރަސްކުރުމުގެ އުސޫލުތަކާ ޚިލާފުވެއްޖެނަމަ 100 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ.
މި އައު ޤާނޫނުގެ ދަށުން ކުށްތަކަށް އަރައިގަންނަ ފަރާތްތަކުގެ ލައިސަންސްގައި ޑީމެރިޓް ޕޮއިންޓް ރެކޯޑްކުރެވިގެންދާނެއެވެ. ދެ އަހަރު ދުވަހުގެ މުއްދަތަކަށް ބަލައިގެން ހިންގޭ މި ޑީމެރިޓް ނިޒާމުގެ ދަށުން ޕޮއިންޓް ކެނޑޭ ޑްރައިވަރުން، ޚާއްޞަ ”ޑްރައިވަރ އެޑިއުކޭޝަން ޕްރޮގްރާމް“ ފުރިހަމަކުރުން ޤާނޫނުން ވަނީ ލާޒިމުކޮށްފައެވެ.



