މިއަހަރުގެ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ދިނުމަށް ހަމަޖެހިފައިވާ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މި އެވޯޑުތަކަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ޚިދުމަތް ބަލައިގަނެ، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދިނުމަށް ކަނޑައަޅާފައިވާ އެވޯޑުތަކެކެވެ.
ރާއްޖޭގައި ކޮންމެ އަހަރަކުވެސް މަސްވެރިންގެ ދުވަސް ފާހަގަކުރަމުން އަންނަނީ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ޖަލްސާގައި ޖުމްލަ 4 ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި މިއަހަރު އަލަށް ހިމެނި ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑުވެސް ހިމެނެއެވެ.
މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ދިނުމަށް ކަނޑައަޅާފައިވާ އެވޯޑުތަކަކީ:
- މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅު (35 އަހަރުން ދަށް)
- މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ އެންމެ ތަޖުރިބާކާރު ކެޔޮޅު (35 އަހަރުން މަތި)
- އާމްދަނީ ހޯދުމަށްކުރާ މައިގަނޑު މަސައްކަތަކަށް ފަރުމަހުގެ މަސްވެރިކަން ކުރާ ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު
- މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު
މި އެވޯޑުތަކަށް އެދި އަމިއްލަ ހައިސިއްޔަތުންނާއި އެހެން ފަރާތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ޝަރުތު ފުރިހަމަވާ ފަރާތްތަކުން، ފޯމު ފުރިހަމަކުރުމަށްފަހު މިމަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހުށަހަޅަންޖެހެއެވެ.
އެވޯޑަށް އެދި ހުށަހަޅާ ފޯމު މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށާއި، ފުރިހަމަކޮށްފައިވާ ފޯމުތައް މިނިސްޓްރީގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.




