ހާޓް އެޓޭކެއް ޖެހިގެން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ނާނާ ޕަޓޭކަރު މިއަދު މަރުވެެއްޖެއެވެ.
އުމުރުން 75 އަހަރުގައި ނާނާ ޕަޓޭކަރު މަރުވީ ގޯއާގައި އޭނާ ދިރިއުޅެމުންދާ ގޭގައި، މިއަދު ހެނދުނުގެ ވަގުތެއްގައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އޭނާއަށް 45 މިނެޓު ވަންދެން ސީޕީއާރު ދިން ކަމަށް މަނިޕާލް ހޮސްޕިޓަލުގެ ޑޮކްޓަރުން ބުނެފައިވާ ކަމަށާއި ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ނުކުރެވުނު ކަމުގައި ހޮސްޕިޓަލާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.
ނާނާ ޕަޓޭކަރް ބޮލީވުޑަށް އެންމެ ފުރަތަމަ ތައާރަފްވެފައިވަނީ 1978 ވަނަ އަހަރު ރިލީޒްކުރި ”ގަމަން“ އިންނެވެ. އޭނާގެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި 1989 ވަނަ އަހަރު ރިލީޒްވި ”ޕަރިންދާ“ އަދި 1994 ވަނަ އަހަރު ރިލީޒްވި ”ކްރާންތިވީރް“ ހިމެނެއެވެ. ފިލްމު ”ކްރާންތިވީރް“ އިން ނާނާ ޕަޓޭކަރަށް ވަނީ ބެސްޓް ސަޕޯޓިންގް އެކްޓަރާއި ބެސްޓް އެކްޓަރުކަން ނޭޝަނަލް އެވޯޑްސްގައި ލިބިފައެވެ.
މި ފިލްމުތަކުގެ އިތުރުން ވެސް ނާނާ ޕަޓޭކަރަކީ އޭނާ ކުޅޭ ރޯލުތަކުން އަބަދުވެސް ދައްކުވައިދޭ ތަފާތުކަމާއި ވާހަކަ ދެއްކުމުގައި ވެސް ގެންގުޅޭ ތަފާތު ގޮތްގަނޑުން ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ މޮޅު އެކްޓަރެކެވެ.
ނާނާ ޕަޓޭކަރްގެ ކުއްލި ވަކިވުމާ ގުޅިގެން ބޮލީވުޑްގެ ގިނަ ފަންނާނުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިތާމަފާޅުކޮށް އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.



