އެހެން ދީންތައް ރަމްޒުކޮށްދޭ ހަ ޕޮޓެއް ފިހާރައެއްގައި ވިއްކަން ބަހައްޓާފައި ހުއްޓައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނި ގޮތުގައި ހުޅުމާލެ ފޭސް 2 ގައި ހުންނަ ފިހާރައެއްގައި، އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވި މައުލޫމާތަކާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުން އެ ފިހާރަ ބަލައިފާސްކޮށް އެފަދަ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.
އެގޮތުން މިދިޔަ ބުދަ ދުވަހުގެ 18:15 ހާއިރު ފުލުހުން އެ ފިހާރައަށް ގޮސް ބެލިބެލުމުން، އެފަދަ ހަ ޕޮޓެއް އެ ފިހާރައިގައި ވިއްކަން ބަހައްޓާފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެހެންކަމުން އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ބުންޏެވެ.
މިކަމާ ބެހޭގޮތުން ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ކަންބޮޑުވުން ފާޅުކޮށް، އެ ފިހާރަ ބަންދުކުރަން ވެސް ގޮވާލާފައެވެ.



