އޭޑީކޭ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު (ޑީއެމްޑީ)ގެ މަގާމަށް ޑރ. އަދީލް ޝަރީފް ހަމަޖައްސައިފިއެވެ.
އެ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، ޑރ. އަދީލް ޑީއެމްޑީގެ މަގާމާ ހަވާލުވެވަޑައިގަތީ މި އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހެވެ. އެ ބަދަލަކީ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް، ކުރިއެރުމާއި އީޖާދީ ބަދަލުތަކުގެ އާ މަރުހަލާއަކަށް ދިއުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއްކަން އޭޑީކޭއިން ފާހަގަކުރިއެވެ.
ޑރ. އަދީލް ވަނީ ޗައިނާގެ ޑާލިއަން މެޑިކަލް ޔުނިވާސިޓީން އެމްބީބީއެސް ފުރިހަމަކުރެއްވުމަށްފަހު، އޭޑީކޭ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރެއްގެ ގޮތުގައި މަސައްކަތް ފައްޓަވާފައެވެ. އޭގެ ފަހުން އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަޝިޕްގެ ދަށުން އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ނިއު ސައުތު ވޭލްސް (ޔޫއެންއެސްޑަބްލިއު) އިން ގްލޯބަލް ހެލްތު އަދި ހެލްތު ލީޑަޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ވެސް މާސްޓާސް ޑިގްރީ ހާސިލުކުރެއްވިއެވެ.
އޭނާގެ ތައުލީމީ ކާމިޔާބީތައް ފާހަގަކޮށް، 2023 ވަނަ އަހަރު އޮސްޓްރެލޭޝިއަން އެޕިޑެމިއޮލޮޖިކަލް އެސޯސިއޭޝަންގެ ޓޮޕް ސްޓޫޑެންޓް ޕްރައިޒް ދީފައިވެއެވެ. އަދި 2024 ވަނަ އަހަރު އޮސްޓްރޭލިއަން ފައިނޭންޝަލް ރިވިއުގެ ޓޮޕް 100 ފިއުޗާ ލީޑަރުންގެ ތެރޭގައި ވެސް އޭނާ ހިމެނިވަޑައިގެންނެވިއެވެ.
ފާއިތުވި ދެ އަހަރު ޑރ. އަދީލް ވަނީ އޭޑީކޭ ހޮސްޕިޓަލުގެ ޑިރެކްޓާ އޮފް ސްޓްރެޓެޖީ އެންޑް އިނޮވޭޝަންގެ މަގާމު ފުރުއްވާފައެވެ. އެ މަގާމުގައި ހުންނަވައިގެން އޭނާ ވަނީ ހޮސްޕިޓަލުގެ ޑިޖިޓަލް ޓްރާންސްފޯމޭޝަނާއި، ސްޓްރެޓެޖިކް ޑިވެލޮޕްމަންޓާއި، ބޮޑެތި ޕްރޮޖެކްޓްތަކުގެ އިތުރުން ޚިދުމަތްތައް ރަނގަޅުކުރުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.



