ކ. ކާށިދޫގެ ސިއްޙީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މި ޚިދުމަތް ފައްޓަވައިދެއްވަމުން ހެލްތު މިނިސްޓަރު ޤީލާ އަލީ ވަނީ އެތަން ބައްލަވާލައްވާފައެވެ.
މި ޚިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ލުއިފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމުގައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ތެރެއިން މުހިންމު ޚިދުމަތެއްކަމަށެވެ. އަދި މިއީ އެރަށުގެ ރައްޔިތުންނަށް ވަރަށް ބޭނުންޖެހިފައި އޮތް ޚިދުމަތެއްކަން ޤީލާ ފާހަގަކުރެއްވިއެވެ.
ކާށިދޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވައިގެން ފިޒިއޯތެރަޕީގެ ޚިދުމަތް ތަޢާރަފްކުރުމަށް ނިންމެވި ރަށެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ ޞިއްޙީ މަރުކަޒުތަކުގެ ތެރެއިން ފިޒިއޮތެރަޕީގެ ޚިދުމަތް ފެށި ފުރަތަމަ ރަށްކަމަށެވެ.
”އުމުރުން ދުވަސްވުމުން ދިމާވާ ޖިސްމާނީ އުނދަގޫތަކުން އަރައިގަތުމަށް ފިޒިއޮތެރަޕީއަކީ ބޭނުންތެރި ފަރުވާއެއް. މި ޚިދުމަތް ރަށުން ލިބެން ނެތުމުގެ ސަބަބުން މީގެ ކުރިން ކާށިދޫގެ ރައްޔިތުން އުފުލަންޖެހުނު ތަކުލީފުތަކަކީ ކުޑަކަމެއް ނޫން. ދަތުރުފަތުރުގެ ދަތިކަމާ މާލެއަށް ކުރަން ޖެހޭ ބޮޑެތި ޚަރަދުތައް ކުރަން އުފުލަންޖެހުނު ބޮޑު ބުރައެއް. ނަމަވެސް ރަށުގައި މި ޚިދުމަތް ޤާއިމްކުރެވުމުން ދިއުމަކީ އެދަތިކަމަށް ލުޔެއް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއް“ ހެލްތު މިނިސްޓަރު ޤީލާ ވިދާޅުވިއެވެ.


