މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެކި މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ 10 އިންތިހާބަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި އިންތިހާބުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 27 ގައެވެ.
އެމްޑީޕީން ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ މަގާމުތަކުގެ ތެރޭގައި ހިމެނެނީ:
- އަތޮޅު އަދި ސިޓީ ކައުންސިލްތަކުން ގައުމީ މަޖިލީހަށް އިންތިހާބުކުރާ މަގާމުތައް
- ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލިސް މެންބަރުން
- ރަށު އަދި ސިޓީ ދާއިރާތަކުގެ ނައިބު ރައީސް
- ރަށު އަދި ސިޓީ ދާއިރާތަކުގެ ސެކްރެޓަރީ
- ރަށު އަދި ސިޓީ ދާއިރާތަކުގެ އަންހެން ސެކްރެޓަރީ
- ރަށު އަދި ސިޓީ ދާއިރާތަކުގެ ޒުވާނުންގެ ސެކްރެޓަރީ
- އަންހެނުންގެ ރޫހުގެ ރައީސް
- އަންހެނުންގެ ރޫހުން ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުން
- ޒުވާނުންގެ ހިތްވަރުގެ ރައީސް
- ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބު ކުރުން
މި އިންތިހާބުތަކަށް ކުރިމަތިލުމުގެ ޝަރުތަކީ މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް އެމްޑީޕީގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ މެންބަރަކަށް ވުމެވެ.
އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 25 ވާ ބުދަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. ކުރިމަތިލުމަށް އެދޭ ފޯމު ހުށަހަޅަން ޖެހެނީ އެމްޑީޕީގެ މޮބައިލް އެޕްލިކޭޝަން ”ޔެލޯ“ މެދުވެރިކޮށެވެ.
މީގެ އިތުރުން އިންތިހާބަށް ވާދަކުރަން ހުށަހަޅާ ކޮންމެ މެންބަރަކު ވެސް އިދާރީ ފީއެއްގެ ގޮތުގައި 1،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.


