ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟްގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫތީން އިއްޔެ ދިން ހަމަލާ ރާއްޖެއިން މިއަދު ކުށްވެރިކޮށްފިއެވެ.
މިކަމާ ބެހޭގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރިޔާޟްގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ހޫތީން ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެ ހަމަލާގެ ސަބަބުން އެތައް އާންމުންނެއްގެ ފުރާނަ ގެއްލި، އެތައް ސަތޭކަ ބަޔަކަށް އަނިޔާވެފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
އާންމުންނާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ނުރައްކާތެރި އަމަލެއް ކަމަށާއި މިއީ ސައުދީ އާއި މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.
”ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ސައުދީގެ ސަރުކާރަށާއި ރައްޔިތުންނަށް، އަދި މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް އިހުލާސްތެރި ތައުޒިޔާ ރައްދުކުރަން. އަދި އަނިޔާވި މީހުންނަށް އަވަސް ޝިފާއަކަށް އެދެން،“ އެ ބަޔާނުގައިވެއެވެ.
ފޮރިން މިނިސްޓްރީން ބުނީ ރާއްޖެ އޮތީ ސައުދީއާ އެކު ފުރިހަމަ ބަދަހިކަމުގައި ކަމަށާއި އެ ގައުމުގެ އިސްތިގުލާލައި ސަލާމަތާއި އާންމުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސައުދީ ސަރުކާރުން އަޅާ ކޮންމެ ފިޔަވަޅަކަށް ރާއްޖޭގެ ފުރިހަމަ ތާއިދު އޮތްކަން ތަކުރާރުކޮށް ކަށަވަރު ކޮށްދޭ ކަމަށެވެ.




