ގދ. ފަރެސްމާތޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ޖުމްލަ މަސައްކަތުގެ 63 އިންސައްތަ ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ ބިން ހިއްކުމުގެ މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް ވަނީ 77 އިންސައްތަ މަސައްކަތް ފުރިހަމަކޮށްފައެވެ.
ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 25 ގައެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެ ކުންފުނިން ފަށާފައިވަނީ މި އަހަރުގެ މާރިޗު މަހުގެ ތެރޭގައެވެ.
ޖުމްލަ 142.67 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، 270 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫޢުގެ ދަށުން 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މި މަޝްރޫޢުގެ ތެރެއިން 465,726 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅާއި ނެރު ފުންކުރުމުގެ މަސައްކަތާއި، 1,416 މީޓަރުގެ ސަރަހައްދެއްގައި 4 މީޓަރުގެ އެއްގަމުތޮށި ޖެހުމުގެ އިތުރުން 46 މީޓަރުގެ ސަރަހައްދެއްގައި 3 މީޓަރުގެ އެއްގަމުތޮށި ޖެހުން ހިމެނެއެވެ. ހަމައެއާއެކު 733 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 133 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 329 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.
އެމްޓީސީސީން އިތުރަށް ބުނިގޮތުގައި، މި މަޝްރޫޢުގެ ދަށުން 9,206 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި، 6 މީޓަރު ދިގު އަދި 36 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް އެޅުމުގެ މަސައްކަތްވެސް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފައެވެ.



