މިދިޔަ ސެޕްޓެންބަރު މަހު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް އާމްދަނީގެ ގޮތުގައި 2.6 ބިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މި އަދަދަކީ އެ މަހު ލިބޭނެ ކަމަށް އަންދާޒާކުރި މިންވަރަށްވުރެ %12.7 އިތުރު އަދަދެކެވެ.
މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅައިބަލާއިރު މިއީ %10.7 ގެ ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ލިބުނު ޖުމްލަ އާމްދަނީއާ އަޅައިބަލާއިރު މިއީ %8.9 ގެ ކުރިއެރުމެކެވެ. ވޭތުވެދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅައިބަލާއިރު އާމްދަނީ ދަށްވި މައިގަނޑު ސަބަބަކީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އަދި އާންމު ޖީއެސްޓީން ލިބުނު މިންވަރު ދަށްވުމެވެ. ނަމަވެސް، އެ މަހަށް އަންދާޒާކުރި ވަރަށްވުރެ އާމްދަނީ އިތުރުވީ ޖީއެސްޓީ، ރިޒޯޓުތަކުގެ ކުލި އަދި ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ އާމްދަނީން ނަގާ ޓެކްސް އިތުރުވުމުންނެވެ.
ޚާއްޞަކޮށް، ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %18 އިތުރުވުމާ ގުޅިގެން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީ-ޖީއެސްޓީ) އާއި ރިޒޯޓުތަކުގެ ކުލި ވަނީ ލަފާކުރި މިންވަރަށްވުރެ މައްޗަށް ގޮސްފައެވެ.
ސެޕްޓެންބަރު މަހު ލިބުނު އާމްދަނީގެ %15.8 އަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ %17.4 ނުވަތަ 623 މިލިޔަން ރުފިޔާއަކީ ނުދައްކައި ހުރި ފައިސާ ހޯދުމަށް މީރާއިން ކުރި މަސައްކަތުން ލިބުނު ފައިސާއެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން ހޯދި 395 މިލިޔަން ރުފިޔާއާއި، ޑިއުސް ކްލިއަރެންސްގެ ތެރެއިން ލިބުނު 87 މިލިޔަން ރުފިޔާއާއި، އިންސްޓޯލްމަންޓް އެއްބަސްވުންތަކުގެ ދަށުން ލިބުނު 123 މިލިޔަން ރުފިޔާގެ އިތުރުން ބޭންކް އެކައުންޓް ފްރީޒްކޮށްގެން ހޯދި 8 މިލިޔަން ރުފިޔާ ހިމެނެއެވެ.
މިދިޔަ މަހު ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ މުޅި އާމްދަނީގެ %46.8 ނުވަތަ 1.3 ބިލިޔަން ރުފިޔާއެވެ. ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރިޒޯޓުތަކުގެ ކުލިންނެވެ. އެއީ 424 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން:
- އާމްދަނީން ނަގާ ޓެކްސް: 213 މިލިޔަން ރުފިޔާ
- ގްރީން ޓެކްސް: 202 މިލިޔަން ރުފިޔާ
- އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 177 މިލިޔަން ރުފިޔާ
- ޑިޕާޗާ ޓެކްސް: 173 މިލިޔަން ރުފިޔާ
ސެޕްޓެންބަރު މަހު ބަލައިގަތް އާމްދަނީގެ ތެރޭގައި 126.8 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ. މިއާއެކު، މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 28 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 1.2 ބިލިޔަން ޑޮލަރު ހިމެނެއެވެ.



