ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރަސްމާލޭގައި ޔޫއޭއީގެ ކުންފުންޏަކާ ގުޅިގެން ހިންގަން އުޅޭ ބިޔަ މަޝްރޫޢު ނުހުއްޓުވޭނެ ކަމަށާއި، މި މަޝްރޫޢަށް ހުރަސްއެޅުމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އެމްޑީޕީއާ ގުޅިގެން މަސައްކަތް ކުރައްވަނީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޢަބްދުއްރަޙީމް ފާހަގަކުރެއްވި ގޮތުގައި، ރައީސް ޔާމީނުގެ ވެރިކަމުގައި ސައުދީގެ ކުންފުންޏަކުން ފ. އަތޮޅުގައި ހިންގަން އުޅުނު މަޝްރޫޢު ހުއްޓުވަން އެމްޑީޕީން ކުރި މަސައްކަތާއި، މިއަދު ރަސްމާލެ މަޝްރޫޢު ހުއްޓުވަން ރައީސް ޔާމީނާއި އެމްޑީޕީ ގުޅިގެން ކުރާ މަސައްކަތާ އެއްވެސް ތަފާތެއް ނެތެވެ.
އަދި އޭރު އެމްޑީޕީން ގައުމަށާއި ރައްޔިތުންނަށް ޣައްދާރުވީ ވެރިކަމުގެ ދަހިވެތިކަމުގައި ކަމަށް ވިދާޅުވި ރައީސް ޔާމީން، މިއަދު ހަމަ އެ ދަހިވެތިކަމުގައި ގައުމަށާއި ރައްޔިތުންނަށް ޣައްދާރުވެވަޑައިގަންނަވަނީ ނޫންތޯ އަބްދުއްރަޙީމް ސުވާލު އުފެއްދެވިއެވެ. މީގެއިތުރުން، ވެރިކަމުގެ ދަހިވެތިކަމުގައި ތިމާއަށް ކުރެވޭ ނުކުރެވޭ ކަމެއް އަދި ދެއްކޭ ނުދެއްކޭ ވާހަކައެއް އެނގިވަޑައިނުގަންނަވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ދިވެހި ރައްޔިތުންނަކީ ބަޔަކު ޖަހާހާ ބެރަކަށް ނަށާވަރަށްވުރެ މާ ބޮޑަށް ތަޞައްރުފު ފުދިފައި ތިބި، ގައުމާމެދު ވިސްނައި ރަނގަޅާއި ނުބައި ވަކިކުރަން ދަންނަ ހަރުދަނާ ބައެއްކަން އަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ. އަދި ދިވެހީން އަބަދުވެސް ބޭނުންވަނީ ހަމަޖެހުމާއި، ރައްކާތެރިކަމާއި، ތަރައްގީ ކަމަށާއި، މި ސަރުކާރުގެ ޝިޢާރަކީ ”އެންމެ ފުރަތަމަ ގައުމު“ ކަމަށްވެސް ވިދާޅުވިއެވެ.
ރަސްމާލޭގެ ބިޔަ މަޝްރޫޢު ކުރިއަށްދާނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށާއި، ލަސްތަކެއްނުވެ މި މަޝްރޫޢު ފެށިގެންދާނެ ކަމުގެ ޔަގީންކަން މަޖިލީހުގެ ރައީސް ދެއްވިއެވެ.
އަދި މުސްތަގުބަލުގައި މި މަޝްރޫޢުގެ ފުރިހަމަ ފައިދާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.


