ޖުމްލަ 44،000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާއެއް އޮއްވައި، މަސްތުގެ ހާލަތުގައި ސައިކަލުމަތީގައި އޮށޯވެއޮވެ ސައިކަލު ދުއްވި މީހާގެ ބަންދަށް އިއްޔެ ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ކ. މާފުށި، ސްނޯސްކައި / އަޙްމަދު ފާރިޒް (26އ.) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި މުދަލަށް ގެއްލުންދިނުމުގެ ތުހުމަތުގައެވެ.
މި މައްސަލައިގައި އޭނާ ފުރަތަމަ ހައްޔަރުކުރީ މިމަހުގެ ހަތަރުވަނަ ދުވަހުގައެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވުމުންނެވެ. އެގޮތުން ސީނަށްދިޔަ ފުލުހުންގެ ބަޔާނާއި ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓާއި ސީސީޓީވީ ފޫޓޭޖް ސްނެޕްޝޮޓް ރިޕޯޓާއި ތުހުމަތުކުރެވޭ ފަރާތުގެ ބަޔާން ހިމަނާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ކޯޓު އަމުރުގައިވަނީ އެ މައްސަލައިގައި ފުލުހުން އޭނާގެ ސައިކަލުގައި ޖެއްސިކަމަށް ބުނާ ބުނުން ދޮގުކޮށް، ސީނުގައި ކަން ހިނގާފައިވާގޮތް ސާފުކޮށްދިނުމަށް ސީނުގައިތިބި ފުލުހުންގެ ބަޔާންތަކެއް އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. އަދި އޭނާއަށް ތަކުރާރުކޮށް މަޑުކުރަން އެންގުމުންވެސް މަޑުނުކޮށް ދިޔަކަމަށާއި ވަންވޭއާ ޚިލާފަށްވެސް އޭނާ ދުއްވިކަމަށާއި ފުލުހުންގެ ކާރުގައި ޖައްސައި ގޭނިގެންދާ ގޮތަށްވެސް ދުއްވިކަމަށާއި ފުލުހުން އޭނާގެ ސައިކަލުގައި ޖައްސައި ވައްޓާލާފައިނުވާނެ ކަމަށް ފުލުހުންގެ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް އަމުރުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އޭނާ ހެލްމެޓް ނާޅައި ބުރިޖުމަތިން ސައިކަލު ދުއްވިކަމަށާއި ސައިކަލު ދުއްވަން އެރިއިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް އޭނާގެ ބަޔާނުގައި ފާހަގަކޮށްފައިވާ ކަމަށް އަމުރުގައިވެއެވެ. ނަމަވެސް ސައިކަލުމަތީގައި އޮށޯވެގެން އޮވެ ސައިކަލު ދުއްވި ކަމަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
ކޯޓު އަމުރުގައިވަނީ މަސްތުގެ ހާލަތުގައިހުރެ އެއްވެސް އުޅަނދެއް ދުއްވުމަކީ އެ އުޅަނދު ދުއްވާ މީހާގެ ފުރާނައާއި މަގުމަތީގައި އުޅޭ މީހުންގެ ފުރާނައަށްވެސް ނުރައްކާތެރި ހާލަތެއް ކުރިމަތިކުރުންކަން ފާހަގަކޮށްފައެވެ.
އޭނާގެ ބަންދަށް އިއްޔެ ކޯޓުން 30 ދުވަސް ޖަހާފައިވާއިރު އެ މުއްދަތު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހަށެެވެ.


