މިއަހަރުގެ ފުރަތަމަ 9 މަސްދުވަސްތެރޭ މުދަލު ޒަކާތުގެގޮތުގައި 104 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ މާލީ ރިޕޯޓުގައިވާގޮތުން އެމަހުގެ ނިޔަލަށް މުދަލު ޒަކާތުގެގޮތުގައި ވަނީ 104 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެގޮތުގައި ލިބުނު 87.8 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު %24 އިތުރު އަދަދެކެވެ.
މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް ވަނީ 5.6 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެންބަރުމަހު މުދަލު ޒަކާތުގެގޮތުގައި ލިބުނު 5.2 މިލިއަން ރުފިޔާއާ އަޅާ ބަލާއިރު ދަށް އަދަދެކެވެ.
މުދަލު ޒަކާތުގެ ނިޞާބަކީ ތިމާގެ މުދަލުގައި އެ މިންވަރެއް ހަމަވުމުން އެއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ އެންމެ މަދު މިންވަރެވެ. އެގޮތުން މިދިޔަ އޮގަސްޓުމަހުގެ 20 ވަނަ ދުވަހުން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަކީ، 19،266.10 ރުފިޔާ ކަމަށެވެ.
މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިޞާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮންނަ ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައިވެސް މުދަލުގެ ޒަކާތް ދެއްކޭނެއެވެ.
1 ޖޫން 2016 އިން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. މީރާގެ ސަރވިސް ސެންޓަރުގެ އިތުރުން އަތޮޅުތެރޭގައި ގާއިމުކުރެވިފައިވާ މީރާގެ ބްރާންޗުތަކުންނާއި ކަލެކްޝަން ސެންޓަރުތަކުން ވެސް މުދަލު ޒަކާތް ބަލައިގަންނާނެއެވެ.



