ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނުގެ 3 ވަނަ ބެޗުގެ ދަރިވަރުންނަށް ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އެދިވަޑައިގެންފިއެވެ.
ޖުމްލަ 84 ދަރިވަރުންނާއެކު މިފަހަރުގެ ޕްރޮގްރާމަށް އެ ދަރިވަރުން ވަނީ މިއަދު ފުރާފައެވެ.
މިފަހަރުގެ ބެޗުގައި ރާއްޖޭގެ 17 އަތޮޅެއްގެ 44 ރަށަކަށް ނިސްބަތްވާ 64 ފިރިހެން އަދި 20 އަންހެން ދަރިވަރުން ހިމެނެއެވެ.
ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމުގެ ވިސްނުންފުޅުގައި ރައީސްް މުޢިއްޒުގެ އިސްނެންގެވުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް މިހާރު ވަނީ އަހަރެއް ފުރިފައެވެ.
އަމިލައަށް ބޭނުންވެގެން ކުރިމަތިލެވޭ ގޮތަށް ހުޅުވާލާފައިވާ މި ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލާ ޢަދަދަށްވުރެ އެތަށް ބައިވަރު ކުދިންނެއް ދަނީ ކުރިމަތިލަމުންނެވެ. މިހާތަނަށް 3 ބެޗެއްގައި ޖުމުލަ ހާހަކަށްވުރެ ގިނަ ދަރިވަރުން ވަނީ ތަމްރީން ފުރިހަމަކޮށްފައެވެ. އަދި ޖަނަވަރީގައި ވަނީ، އިތުރު ބެޗެއް ފަށާފައެވެ.
މި ޕްރޮގްރާމަކީ ސްކޫލު ނިންމާ ދަރިވަރުންނަށް، ދިރިއުޅުމުގައި ކުރިއަށް ދިއުމުގެ ބިންގަލެއްގެ ގޮތުން ފެށި މަސައްކަތެކެވެ.
މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ ވަޒީފާގެ މައިދާނަށް ބޭނުންވާ މުހިންމު ފަންނީ ހުނަރުތަކާއެކު އަމިއްލަ ނަފްސަށް އިތުބާރު ކުރާ ޢަޤީދާ ވަރުގަދަ، ރޫޙާނީ، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ.



