ހަތަރު ރަށެއްގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ބައި އިލެކްޝަނުގައި ވޯޓުލެވޭ މީހުންގެ ލިސްޓު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފިއެވެ.
އީސީން ކުރި އިއުލާނެއްގައި އާންމުކޮށްފައި ވަނީ ހއ. ވަށަފަރާއި ނ. ކުޑަފަރި އަދި ވ. ތިނަދު އާއި ސ. ހުޅުދޫން ވޯޓުލެވޭ މީހުންގެ ލިސްޓެވެ.
އެ ލިސްޓުގައިވާ ގޮތުން ވަށަފަރުން 688 އަށް މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވާއިރު ކުޑަފަރިން ވޯޓުލުމުގެ ހައްގު ލިބެނީ 653 މީހަކަށެވެ. އަދި ތިނަދޫން 185 މީހަކަށް ވޯޓުލެވެ.
ހުޅުދޫން 2903 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ.
އީސީން ބުނީ އެ ލިސްޓުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 24 ވާ ހޮނިހިރު ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އަންނަ މަހުގެ 28 ގައި ބޭއްވުމަށް ނިންމާފައިވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި އިލެކްޝަނުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ މައުލޫމާތު ވީއާރު އަދި އައިޑީކާޑު ނަމްބަރު ޖެހުމަށް ފަހު 1414 އަށް ފޮނުވައިގެން ބެލޭނެ ކަމަށް ކޮމިޝަނުން ބުންޏެެވެ. އަދި ގެޒެޓާއި އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި ވެސް ލިސްޓު ވަނީ އާންމުކޮށްފައެވެ.




