މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް 1.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.
ގްރީން ޓެކްސް ނަގަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮކްޓޫބަރ މަހުން ފެށިގެންނެވެ. މި ޓެކްސް ނެގުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމުގެ އެކިއެކި މަޝްރޫއުތަކަށް ފައިސާ ހޯދުމެވެ.
ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ގްރީން ޓެކުހުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 1.6 ބިލިއަން ރުފިޔާއެވެ. މިއީ %5.4 އިތުރުވުމެކެވެ.
މި ޓެކުހަކީ، ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. މިވަގުތައް ބަލާއިރު ރާއްޖޭގައި 180 ރިސޯޓާއި، 16 ހޮޓެލް، 932 ގެސްޓްހައުސް އަދި 166 ސަފާރީ އުޅަނދު އަންނަނީ އޮޕަރޭޓްކުރަމުންނެވެ.
ގްރީން ޓެކުހުގެ ގޮތުގައި ނަގަނީ، ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 6 ޑޮލަރެވެ. މި ޓެކުހުން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިންނެވެ.



