ނެޝަނަލް ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވުމުގެ ފުރުސަތު މި އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރަން ނިންމީ ގިނަ އަދަދެއްގެ ފަރާތްތަކަކުން އެކަމަށް އެދެމުންދިއުމާ ގުޅިގެން ކަމަށެވެ.
އެގޮތުން ޝައުގުވެރިވާ ފަރާތްތަކަށް މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ހުޅުމާލޭ ސްޕޯޓްސް ރޭންޖްގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. މިއަހަރުގެ މުބާރާތުގެ ޚާއްސަ ކަމަކީ، ރާއްޖޭގެ ތާރީޚުގައި އަލަށް މި މުބާރާތުގައި ޕެރަލިމްޕިކް ކެޓަގަރީ ހިމަނާފައިވުމެވެ. އަދި މި ކެޓަގަރީގައި ވާދަކުރާ ޕެރަ އެތުލީޓުން ތަމްރީނުކުރުމަށް ބާއްވާ ހާއްސަ ސެޝަންތައް ވެސް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.
މި މުބާރާތުގައި ވާދަކުރާނީ ޕްރޮފެޝަނަލް، ޖޫނިއާ، ޔޫތު، ޕެރަލިމްޕިކް އަދި އެމެޗުއާ ކެޓަގަރީ ހިމެނޭހެން ޖުމްލަ ފަސް ކެޓަގަރީއެއްގައެވެ. އެއާ ރައިފަލް އަދި އެއާ ޕިސްޓަލް އިވެންޓްތައް ހިމަނައިގެން ކުރިއަށްގެންދާ މި މުބާރާތުގެ ކޮންމެ އުމުރުފުރާއަކުން އަންހެން، ފިރިހެން އަދި މިކްސްޑް ޓީމް އިވެންޓްތަކުގެ އިތުރުން ވަކިވަކި ޓީމް އިވެންޓްތައް ކުރިއަށްދާނެއެވެ.
ޝޫޓިން އެސޯސިއޭޝަނުން ފާހަގަކުރި ގޮތުގައި، އާންމުކޮށް ހުޅުވާލައިގެން މިފަދަ މުބާރާތެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި މި ކުޅިވަރު އިތުރަށް ފުޅާކޮށް، ޒުވާން އެތުލީޓުން އުފައްދައި ތަމްރީނުކުރުމެވެ.
އަދި އޮލިމްޕިކްސްގައި ހިމެނޭ މި ކުޅިވަރުން ފުރުސަތުތައް ފަހިކޮށްދީ، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކޮށް ރާއްޖެއަށް ރީތި ނަމާއި ފަޚުރު ހޯދައިދޭނެ ފަދަ ވަރުގަދަ ޤައުމީ ޓީމެއް ބިނާކުރުމަކީ ވެސް އެ އެސޯސިއޭޝަނުގެ އަމާޒެކެވެ.




